ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) ފެތުރެމުންދާތީ، 8 ޤައުމެއްގެ މީހުން ސްރީލަންކާ އަށް އެތެރެވުން މަނާކޮށްފިއެވެ.

ކޮވިޑް-19 ގެ ނުރައްކަލަށް ލަންކާއަށް މީހުން އެތެރެވުން މަނާކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ، ފްރާންސް، ސްޕެއިން، ޖާމަނީ، ސްވިޒަލޭންޑް، ޑެންމާކް، ނެދަލޭންޑްސް، ސްވިޑެން އަދި އޮސްޓްރިއާ އެވެ. މީގެ އިތުރުން އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ ދެކުނު ކޮރެއާ އާއި އިޓަލީ އަދި އީރާނުން ވެސް އެޤައުމަށް މީހުން އެތެރެވުން ކުރިން ވަނީ މަނާކޮށްފައެވެ.

ލަންކާގެ ޑިރެކްޓަރ ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން ނެރުއްވި އިއުލާނެއްގައި މިކަން ހާމަކުރައްވަމުން ވިދާޅުވެފައި ވަނީ، މިއަދު އިއުލާނު ކުރެވުނު 8 ޤައުމުން، ލަންކާއަށް މީހުން އެތެރެވުން އަންނަ އާދީއްތަ ދުވަހުން ފަށައިގެން މި މަހުގެ 29 ވަނަ ދުވަހުގެ މުއްދަތަށް މަނާވާނެ ކަމަށެވެ.

ލަންކާގެ ސިވިލް އޭވިއޭޝަންގެ ޑިރެކްޓަރ ކުރެއްވި އިއުލާނުގައި އިތުރަށް ވިދާޅުވެފައި ވަނީ، އަންނަ އާދީއްތަ ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް، މީހުން އެތެރެވުން މަނާކޮށްފައިވާ ޤައުމުތަކުން ދަތުރުކުރާ ފްލައިޓުތައް، އެޤައުމަށް ދަތުރުކުރުން ހުއްޓުވާފައިވާ ކަމަށެވެ.

މިއަދު އިއުލާނުކުރެވުނު 8 ޤައުމު ހިމެނޭހެން ލަންކާ އަށް މީހުން އެތެރެވުން މަނާކޮށްފައވާ ޖުމްލަ 11 ޤައުމަކީ މިވަގުތު ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމުތައްކަން ފާހަގަކޮށްލެވެއެވެ.

ކޮވިޑް-19 ގެ ނުރައްކަލަށް ލަންކާއިން ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާއިރު، އެޤައުމުން މިހާތަނަށް ތިން މީހަކު މި ވައިރަސް އަށް ޕޮޒިޓިވް ވެފައި ވެއެވެ. އޭގެތެރެއިން އެކަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެ ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 132 ޤައުމަކުން ވަނީ ކޮވިޑް-19 ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު