ދުނިޔޭގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައި ވުމުގެ ސަބަބުން ސްޕެއިންގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ.

ސްޕެއިންގެ ސަރުކާރުން އެޤައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި މިވަނީ، އެޤައުމުގައި އާދަޔާއި ޚިލާފު ބާރުމިނެއްގައި ކޮވިޑް-19 ފެތުރެމުންދާތީއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެޤައުމުން މިއަދު އެކަނިވެސް 1063 މީހަކު ވަނީ މި ވައިރަސް އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. އަދި މި ވައިރަސް ޖެހިގެން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ އެކަނިވެސް އެޤައުމުން 34 މީހަކު ވަނީ މަރުވެފައެވެ.

ދުނިޔެއިން ފަސްވަނަ އަށް އެންމެ ގިނަބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ސްޕެއިން އަކީ، މިހާތަނަށް މި ބަލީގައި ހަތަރުވަނަ އަށް އެންމެ ގިނަ ބަޔަކު މަރުވީ ޤައުމެވެ. މި ޤައުމަކީ މިވަގުތު ދުނިޔެއިންވެސް އެންމެ ބާރަށް މި ބަލި ފެތުރެމުންދާ ޤައުމެވެ.

ކޮވިޑް-19 ގެ ނުރައްކާ މިވަގުތު އެންމެ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި ސްޕެއިން ހިމެނޭއިރު، މިއަދު ދެވަނައަށް އެންމެ ގިނަ ބަޔަކު މި ވައިރަސް އަށް ފައްސިވީ ޤައުމަކީވެސް ސްޕެއިން އެވެ.

މިހާތަނަށް ސްޕެއިން އިން 4209 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، ޖުމްލަ 120 މީހަކު ވަނީ މަރުވެފައެވެ. އަދި ވައިރަސް ޖެހުނު މީހުންގެ ތެރެއިން 190 މީހަކު ތިބީ ސީރިއަސް ހާލުގައެވެ.

ދުނިޔޭގެ 135 ޤައުމަކުން މިހާތަނަށް ކޮވިޑް-19 ފެނިފައި ވެއެވެ. މިހާތަނަށް ދުނިޔެއިން ޖުމްލަ 139065 މީހަކު މި ވައިރަސް އަށް ފައްސިވެފައި ވާއިރު، 5116 މީހަކު މި ވައިރަސްގައި މަރުވެފައި ވެއެވެ. މިހާތަނަށް 70727 މީހަކު ވަނީ މި ވައިރަސް އިން ސަލާމަތް ވެފައެވެ.