ކޮވިޑް-19 ޖެހިގެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޓަލީވިލާތުން އިތުރު 250 މީހުން މަރުވެއްޖެއެވެ. މިއަދަކީ ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން އެންމެ ގިނައިން މީހުން މަރުވި ދުވަހެވެ.

ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1266 އަށް އަރާފައެވެ.

މިއަދު އިޓަލީވިލާތުން ވަނީ އިތުރު 2547 މީހަކަށް ކޮވިޑް-19 ޖެހިފައެވެ. މިއީ އެއް ދުވަސް ތެރޭގައި އެންމެ ގިނަ މީހުން އިޓަލީވިލާތުން ބަލި ޖެހުނު ދުވަހެވެ.

މިހާރު އިޓަލީވިލާތުން ބަލި ޖެހުނު މީހުންގެ ޖުމްލަ މިވަނީ 17660 އަށް އަރާފައެވެ.

މިއަދު މިހާތަނަށް 399 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން އެކި ގައުމުތަކުން މަރުވެފައެވެ. އެހެންކަމުން މިއަދަކީ ކޮވިޑް-19 ގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އިއްޔެ އަށް ވުރެ މިއަދު މަރުވި މީހުންގެ އަދަދު 50 އިތުރެވެ.

އެމެރިކާ އާއި ފްރާންސުން މިއަދު މަރުވި މީހުންގެ އަދަދު އަދި އިއުލާން ނުކުރާތީ މިއަދަދު އަދިވެސް ވަރަށް ބޮޑަށް އިތުރުވެގެން ދިއުމުގެ ފުރުސަތު އެބައޮތެވެ.

މިއަދު މިހާތަނަށް 8210 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ.

އިޓަލީވިލާތުގައި ކޮވިޑް-19 ފެތުރެން ފެށުމުން ވެސް ފުރަތަމަ އެގައުމުން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ. ނަތީޖާ އަކަށް ވެގެން ދިޔައީ ކުރިން ލަފާކުރެވިފައި ވެސް ނެތް ވަރަށް ގައުމުގެ ހާލަތު ގޯސް ވެގެން ދިއުމެވެ.

މިހާރު އިޓަލީވިލާތުން ވަނީ މުޅި ގައުމު ކަރަންޓީން ކޮށްފައެވެ.

ނަމަވެސް މިހާރު ލިބެމުންދާ މައުލޫމާތައް ބަލާއިރު ޗައިނާ އަށް ވުރެ ވެސް އިޓަލީވިލާތުގެ ހާލަތު ގޯސްވެގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު