ކޮވިޑް-19 އެންމެ ބާރަށް ފެތުރެމުންދާ އީރާންގައި ބަލި ކޮންޓްރޯލް ކުރުމަށާއި، ބަލި ޖެހިފައި ތިބި މީހުންނަށް ފަރުވާ ދިނުމުގައި ޗައިނާ އިން އެހީތެރިވާނެ ކަމަށް ޗައިނާ ސަރުކާރުން ބުނެފިއެވެ.

ޗައިނާ އިން އީރާނަށް އެހީތެރިވާނެ ކަން އަންގާފައި ވަނީ ކޮވިޑް-19 ޖެހިގެން އީރާނުން ގިނަ ބަޔަކު މަރުވުމުން އެގައުމުގެ ރައީސް ހަސަން ރޫހާނީއަށް ޗައިނާ ރައްޔިތުންގެ ފަރާތުން ތައުޒިއާ ކިޔުމަށް ޗައިނާގެ ރައީސް ޒީ ޖިންޕިން ފޮނުއްވެވި ސިޓީއެއްގައެވެ.

ސިޓީގައި ޗައިނާގެ ރައީސް ޒީ ވިދާޅުވީ އީރާނާއި އެކު ޗައިނާ އިން ބާއްވަމުން އަންނަ ޒަމާންވީ އެކުވެރިކަމުގެ ގުޅުން ކުރިއަށް އޮތްތަނުގައި ވެސް އެގޮތުގައި ބާއްވާނެ ކަމަށާއި، އީރާން ރައްޔިތުންނާއި، އީރާން ސަރުކާރަށް ދިމާވެފައިވާ މިއުނދަގޫ ވަގުތުގައި އެގައުމަށް އެހީވުމަކީ ޗައިނާ އަށް ލިބޭ އުފަލެއް ކަމަށެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ބޭހާއި، ރައްކާތެރިވުމަށް ބޭނުން ވާނެ އޮފިޝަލުންނާއި، މެޝިނަރީ އާއި ވޮލެންޓިއާ ކޮށްފައިވާ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ޓީމެއް މިހާރު ޗައިނާ އިން ވަނީ އީރާނަށް ފޮނުވާފައެވެ.

ޗައިނާ ރައީސްގެ ސިޓީގައި ވިދާޅުވީ ކޮވިޑް-19 އާއި ދެކޮޅަށް އީރާން ރައްޔިތުން ކުރަމުން ގެންދާ ހަނގުރާމަ ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުންދާ އެއް ގައުމަކީ އީރާނެވެ. އެގައުމުގެ ސަރުކާރުން އާއްމުކޮށްފައިވާ ރަސްމީ ހިސާބުތައް ދައްކާ ގޮތުގައި 12729 މީހަކަށް ކޮވިޑް-19 ޖެހިފައެވެ. އަދި މިހާތަނަށް 611 މީހުން ވަނީ އެގައުމުން މަރުވެފައެވެ. އީރާންގެ ސަރުކާރުން ހާމަކުރާ ހިސާބުތަކަށް ވުރެ މަރުވި މީހުންނާއި ބަލި ޖެހުނު މީހުންގެ އަދަދު އެތައް ގުނައެއް އިތުރުވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޗައިނާ

    ޗަ އިނާ އަށް އެނގޭ އީރާންގެ މުހިންމުކަން.. އީރާން އޮތުމަކީ ޗަ އިނާ ސުޕަރ ޕަވަރަށް ވުން ކަހަލަކަމެ އް.. އީރާނަކީ އެ އްވެސްބިރަކާނުލާ އެމަރިކާ އަށް ކިތަންމެބޮޑު ގެ އްލުމެ އް ދީފާނެބަޔެ އް..ހުރިހާފަ އިދާ އެ އް ޗަ އިނާ އަށް

    1
    1
  2. ރައްޔިތެއް

    ޗައިނާ މީހުންނަކީ މިބަލި އެންމެ ފުރަތަމަ ޖެހި އެންމެ ގިނަ ބަޔަކަށް ފަރުވާ ކުރުމަށް ޑޮކްޓަރުން މަސައްކަތްކުރި ގައުމު ﷲ ގެ ވާގިފުޅާއެކު ބަލި އެވަނީ އެގައުމުން ވަރަށް ބޮޑަށް ކޮންޓްރޯލްވެފަ . މި ހުރިހާ ގައުމަކަށް ޗައިނާގެ ޑރ ފޮނުވާއިރު ކީއްވެބާ ރާއްޖެއިންވެސް ޗައިނާގެ ޑރ ގެ ޓީމެއް ނުގެންނަނީ. ޢަދިވެސް ޑރ މިގެންނަނީ އިންޑިޔާއިން އެމެރިކާއިން އެީހުން އެ އުޅެނީ މިކަމުގައި އަދި ކޮޅެއް މެދެއް ނޭނގިގެން. ޢެކަމަށް ފަރުވާ ކުރި ޗައިނާ ޑޮކްޓަރުންގެ މާ ބޮޑަށް އަމަލީ ތަޖުރިބާ ހުންނާނެ ދޯ