ސްޕޭން ބޮޑުވަޒީރުގެ އަނބިކަނބަލުން ބެގޯނާ ގޯމޭޒް އަށް ކޮވިޑް-19 ޖެހިއްޖެއެވެ.

ބޮޑުވަޒީރު ޕެޑްރޯގެ އަނބިކަނބަލުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައި ވާއިރު ސްޕޭންގައި ހަލުވިކަމާއި އެކު ކޮވިޑް-19 ދަނީ ފެތުރެމުންނެވެ.

ބޮޑުވަޒީރުގެ އޮފީހުން ބުނީ ބޮޑުވަޒީރުގެ ކިބައިން ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި، އަނބިކަނބަލުން ބެގޯނާގެ ހާލު ރަނގަޅު ކަމަށެވެ.

ސްޕޭނުން މިހާރު ވަނީ ކޮވިޑް-19 ފެތުރުން ހުއްޓުވަން އެގައުމުން ބޭރަށް ދަތުރު ކުރުން މަނާ ކޮށްފައެވެ. އަދި އާއްމުން ވެސް ވަޒީފާ އަދާކުރަންށާއި ބޭސްފަރުވާ ހޯދަން ނުވަތަ ކުއްލި ހާލަތެއް މެދުވެރިވެގެން ނޫން ގޮތަކަށް ގެއިން ބޭރަށް ނިކުތުން މަނާ ކޮށްފައެވެ.

ހުރިހާ ރައްޔިތުން ވެސް ގޭގައި ތިބުމަށާއި، ވަޒީފާ ވެސް ގޭގައި އަދާކުރެވޭނަމަ ގޭގައި ތިބެ ވަޒީފާ އަދާކުރުމަށް ސްޕޭން ސަރުކާރުން ވަނީ އެދިފައެވެ. ސްޕޭންގެ ހުރިހާ ރެސްޓޯރެންޓަކާއި ބާތަކާއި ހޮޓާތަކާއި، އާއްމު ދިރިއުޅުމަށް ބޭނުންވާ ރީޓޭލް މުދާ ވިއްކާ ފިހާރަތައް ފިޔަވައި އެހެން ފިހާރަތައް ވެސް ބަންދުކޮށްފައެވެ. އަދި ދަރިވަރުން ވެސް ގޭގައި ތިބެގެން ތައުލީމް ހާސިލް ކުރެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ.

ޔޫރަޕްގެ ގައުމުތަކުގައި މިހާރު ކޮވިޑް-19 ފެތުރެމުން ދާއިރު ސްޕޭނުން މިހާރު ވަނީ 6300 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައެވެ. ސްޕޭނަކީ މިހާރު ފަސްވަނަ އަށް އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައި ތިބި ގައުމެވެ. އެގައުމުން މިހާތަނަށް ވަނީ 196 މީހުން މަރުވެފައެވެ. އެގައުމުން އަދި ބަލިން ރަނގަޅުވީ އެންމެ 517 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު