ކޮންގޯ އާއި ސެންޓްރަލް އެފްރިކާ ރިޕަބްލިކުން ކޮވިޑް-19 ފެނިއްޖެއެވެ.

ކޮންގޯ އިން ކޮވިޑް-19 ޖެހުނީ އެގައުމަށް އައި ބެލްޖިއަމް މީހަކަށް ކަމަށް ކޮންގޯގެ ހެލްތު މިނިސްޓްރީން ފުރަތަމަ ބުނި ނަމަވެސް ފަހުން ބުނީ ބަލި ޖެހިފައި ވަނީ ކޮންގޯ މީހަކަށް ކަމަށާއި އޭނާ އަކީ ދާދިފަހުން ފްރާންސުން އައި މީހެއް ކަމަށެވެ.

އޭނާ ފުރަތަމަ ކަރަންޓީން ކޮށްފައި ވަނިކޮށް ވަނީ ހޮސްޕިޓަލުން ނިކުމެގެން ގޮސްފައެވެ. ފަހުން އޭނާ އިތުރަށް ބަލިވެގެން ވަނީ މިހާރު އެޑްމިޓްކޮށްފައެވެ. ނަމަވެސް މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އޭނާގެ ގައިން އިތުރު ބައެއްގެ ގަޔަށް ބަލި ޖެހިފައިވާނެ ކަމަށް ބެލެވިފައި ވުމެވެ.

ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ހެލްތު މިނިސްޓްރީން ވިދާޅުވީ އެގައުމުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައި ވަނީ އުމުރުން 74 އަހަރުގެ މީހެއް ކަމަށެވެ. އޭނާ އަކީ އިޓަލީވިލާތުގެ މީހެއް ކަމަށާއި އޭނާ އެގައުމަށް އެތެރެވީ މާޗް މަހުގެ 08 ވަނަ ދުވަހު ކަމަށް ވެސް ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

ކޮވިޑް-19 އެފްރިކާގެ ގައުމުތަކަށް ފެތުރިގެން ހިނގައްޖެނަމަ އެތައް މިލިއަން ބަޔަކު މަރުވެގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. ސަބަބަކީ އެފްރިކާގެ ގިނަ ގައުމުތަކުގައި އެކަށީގެންވާ ސިއްހީ ޚިދުމަތެއް ލިބެން ނެތުމުންނެވެ. އަދި ބަލި މީހުންނަށް ފަރުވާ ދޭނެ އެކަށީގެންވާ އަދަދެއްގެ ސިއްހީ އެހީތެރިން ވެސް ނެތުމުންނާއި އެހެން ގައުމުތަކުން ވެސް މިހާރު ހާލަތު އޮތް ގޮތުން ސިއްހީ އެހީތެރިން އެފްރިކާއަށް ފޮނުވެން ނެތުމުންނެވެ.