އަވައްޓެރި ސްރީލަންކާ އިން މިއަދު ކޮވިޑް-19 އަށް އިތުރު އަށް މީހަކު ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

މިހާތަނަށް ސްރީލަންކާ އިން ވަނީ 18 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއަދަކީ އެއް ދުވަސް ތެރޭގައި އެންމެ ގިނަ މީހުން އެގައުމުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

ސްރީލަންކާގެ އޮފިޝަލުން މައުލޫމާތު ދެއްވާ ގޮތުގައި އެގައުމުން މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 07 މީހުންނަކީ އިޓަލީވިލާތުން އެގައުމަށް އެތެރެވި ބައެކެވެ. އެމީހުން މިހާރު ތިބީ "ކެންޑަކޫ ކަރަންޓީން ފެސިލިޓީ" ގައި ކަމަށް ވެސް ލަންކާގެ އޮފިޝަލުން މައުލޫމާތު ދެއްވައެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ ލަންކާ އިން ވެސް ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެގައުމަށް އެތެރެވުމަށް އޮން އެރައިވަލް ވިސާ ދިނުން ވަނީ ހުއްޓާލާފައެވެ.

އަދި މާދަމާ ލަންކާ ސަރުކާރުގެ ހުރިހާ އޮފީހެއް ބަންދު ކުރަން ވެސް ވަނީ ނިންމާފައެވެ. ލަންކާގައި މާދަމާ ވަޒީފާ އަށް ނިކުންނަން ޖެހޭނީ ސަރުކާރު އޮފީސްތަކުގެ ތެރެއިން ހަމައެކަނި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ.