ކޮވިޑް-19 ފެތުރެމުން ދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއްވެސް ގައުމަކުން ދަތުރު ކުރާ ފްލައިޓެއް ޤަތަރުގެ އެއްވެސް އެއާޕޯޓެއްގައި ނުޖެއްސޭ ގޮތައް ފަސެންޖާ އެއާލައިންތަކަށް ޤަތަރު ބަންދުކޮށްފިއެވެ.

ނަމަވެސް ޓްރާންސިޓް ފްލައިޓްތަކަށާއި ކާގޯ ފްލައިޓްތަކަށް ކުރިއެކޭ އެއްގޮތައް ދަތުރުތައް ކުރަމުން ގެންދިއުމުގެ ހުއްދަ އަދިވެސް އެބައޮތެވެ.

މިނިންމުން ނިންމާފައި ވަނީ ޤަތަރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަލް އަލް ސާނީ އާއި ކްރައިސިސް މެނޭޖް ކުރާ ސުޕްރީމް ކޮމެޓީން ބޭއްވި މަޝްވަރާ ބައްދަލުވުމަކަށް ފަހުއެވެ.

ޤަތަރު ފްލައިޓްތަކަށް ބަންދުކުރި ނަމަވެސް ޤަތަރު އެއާލައިނުން އެހެން ގައުމުތަކަށް ކުރަމުން ގެންދާ ދަތުރުތައް މިހާރެކޭ އެއްގޮތައް ކުރިއަށް ގެންދާނެއެވެ.

ފްލައިޓްތަކުގެ ދަތުރުތައް މެދުކަނޑާލީ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ދެހަފްތާގެ މުއްދަތަށެވެ.

ކޮވިޑް-19 ގެ ސަބަބުން އިޤުތިޞާދަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ޤަތަރުން ވަނީ އަމިއްލަ ފަރާތްތަކަށް 75 ބިލިއަން ޤަތަރު ރިޔާލް (23 ބިލިއަން އެމެރިކާ ޑޮލަރު) ދިނުމަށް ޕެކޭޖެއް ވެސް އިއުލާން ކޮށްފައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ޤަތަރުގައި ވެސް މިހާރު އަންނަނީ ކޮވިޑް-19 ފެތުރެމުންނެވެ. މިހާތަނަށް އެގައުމުން 401 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވީ އެންމެ ހަތަރު މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ރެސޯޓުތަކެކޭ އެއް ގޮތަށް މާލެ ވެސް ބަންދު ކުރަންވީ ރެސޯޓުތަކުން މި ވަރަށް ފެންނަ އިރު މާލޭގައި ވައިރަސް އުޅެދާނެ.