ކޮވިޑް-19 އަށް އެމެރިކާގެ "މޮޑާނާ" ނަމަކަށް ކިޔާ ކުންފުނިން ތައްޔާރުކުރި ވެކްސިން މިއަދު އިންސާނުން ބޭނުން ކޮށްގެން ޓެސްޓް ކުރަން ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިވެކްސިން ތައްޔާރު ކުރުމަށް ފަންޑް ކުރަނީ އެމެރިކާގެ ނޭޝަނަލް އިންސްޓިއުޓް އޮފް ހެލްތު އިންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ވެކްސިން ޓެސްޓް ކުރުމަށް މިހާރު ވަނީ 45 ވޮލެންޓިއަރުން ހޯދާފައެވެ. ފުރަތަމަ ބުރުގައި ކޮންމެ ވޮލެންޓިއަރަކަށް ވެސް ވެކްސިން ޝޮޓްތަކެއް ދޭނެއެވެ. މި ޓްރިއަލްގެ ބޭނުމަކީ ވެކްސިންގެ ސަބަބުން އެއްވެސް މީހަކަށް ސައިޑް އިފެކްޓެއް ކުރިމަތިވޭތޯ ބެލުމެވެ.

މިއަދު ވެކްސިން ޓެސްޓް ކުރުމުގެ މަސައްކަތް ފެށި ނަމަވެސް ކޮވިޑް-19 ޖެހޭ މީހުންނަށް ވެކްސިން ބޭނުން ކުރެވެން އަދި އަހަރަކާއި 18 މަސް ދުވަހާއި ދެމެދުގެ މުއްދަތެއް ވެސް ނެގުން އެކަށީގެންވެއެވެ. އެއީ ޓެސްޓްތަކުގެ ނަތީޖާ ލިބެންށާއި، އަދި ވެކްސިން އިތުރަށް ފުރިހަމަ ކުރަން ޖެހިއްޖެ ނަމަ އެކަމަށް ވެސް ދުވަސްތަކެއް ހޭދަވާނެތީއެވެ. މީގެ އިތުރުން ވެކްސިން އުފައްދާ މީހުންނަށް ފޯރުކޮށްދިނުމަށް ވެސް ގިނަ ދުވަސްތަކެއް ނަގާނެއެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ ވަރަށް ގިނަ ސައިންސްވެރިން ގެންދަނީ ކުރަމުންނެވެ. އެހެންކަމުން އެމެރިކާގެ މޮޑާނާ ކުންފުނީގެ ވެކްސިންގެ ކުރިން އަދި އެހެން ކުންފުންޏެއްގެ ވެކްސިނެއް ލިބުމުގެ ފުރުސަތު އެބައޮތެވެ.

މިހާރު އިސްރާއީލްގެ ސައިންސްވެރިންނާއި، ޗައިނާގެ ސައިންސްވެރިންނާއި، ޖަރުމަންވިލާތުގެ ސައިންސްވެރިން ވެސް ވަނީ ވެކްސިނެއް އުފެއްދުމުގައި ކުރިއެރުންތަކެއް ހޯދާފައެވެ. ޗައިނާ އިން އުއްމީދު ކުރަނީ އަންނަ އޭޕްރީލް މަސް ތެރޭގައި ވެކްސިނެއް އުފެއްދޭނެ ކަމަށެވެ.

މިހާތަނަށް 170000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިއްޖެއެވެ. 6500 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.