އަވައްޓެރި އިންޑިއާގައި އެންމެ ގިނަ ބަޔަކު ވަޒަންވެރިވެގެން އުޅޭ އެންމެ ބާރުބޮޑު އެއް ސިޓީ ކަމަށްވާ މުމްބާއީގެ ރައްޔިތުން ކޮވިޑް-19 ވައިރަހުން ރައްކާތެރި ކުރުމުގެ ގޮތުން ގިނަ ބަޔަކު އާއްމުކޮށް ގޮސް އުޅޭ ޑިސްކޯތަކާއި، ރާބޯ ތަންތަން ބަންދުކުރަން ސަރަހައްދީ ސަރުކާރުން ނިންމައިފިއެވެ.

މުމްބާއީގެ މަހާރަޝްތްރާ ސްޓޭޓުގެ ސަރުކާރުން މީގެ ކުރިން ވަނީ އެ ސަރަޙައްދުގައި ހުންނަ ބޮޑެތި މޯލްތައް ވެސް ބަންދުކުރުމަށް ނިންމާފައެވެ. މީގެ އިތުރުން އެ ސަރަޙައްދުގެ ސަރުކާރުން ވަނީ ކޮވިޑް-19 ބަލިމީހުން ދެނެގަތުމުގެ ގޮތުން ކޮންމެ ދުވަހަކު 1،000 މީހުންގެ ސާމްޕަލް ނެގުމަށް ވެސް ނިންމާފައެވެ.

އަވައްޓެރި އިންޑިއާގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު، މިއަދުގެ މިހާތަނަށްވެސް މަހާރަޝްތްރާއިން އިތުރު 38 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ޖުމްލަ މުޅި އިންޑިއާ އިން މިހާތަނަށް ވަނީ 115 މީހަކު މި ވައިރަހަށް ފައްސިވެފައެވެ.

އިންޑިއާގެ އުމުރުން ދުވަސްވީ ދެ ރައްޔިތަކު ވަނީ މި ވައިރަސް ޖެހިގެން މިހާތަނަށް މަރުވެފައެވެ. އެގޮތުން އެންމެ ފުރަތަމަ މަރުވެފައިވަނީ ސައުދީ އަރަބިއްޔާ އަށް ގޮސްފައި އެނބުރި އިންޑިއާ އަށް އައި 77 އަހަރުގެ ފިރިހެނެކެވެ. އޭގެ ފަހުން ވެރިރަށް ދިއްލީ އިން މަރުވެގެން ރިޕޯޓު ކޮށްފައިވަނީ 68 އަހަރުގެ އަންހެނެކެވެ.

މި ނުރައްކާތެރި ދަނޑިވަޅުގައި ކޮވިޑް-19، ކޮރޯނާ ވައިރަސް ބަލިމަޑުކަމުން އިންޑިއާގެ ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި އެޤައުމުގެ ސިއްޙީ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތްތަކަށް ބޮޑުވަޒީރު، ނަރެންދުރަ މޯދީ ވަނީ ވަރަށް ބޮޑަށް ތަޢުރީފް ކުރައްވައި ވާހަކަ ދައްކަވާފައެވެ.

"އަހަރެމެންގެ ޑޮކްޓަރުންނާއި، ނަރުހުންނާއި، ހޮސްޕިޓަލްތަކުގައި ތިބޭ ސިއްޙީ ޙިދުމަތްދޭ އެހެނިހެން ފަރާތްތަކުން ދަނީ މި ބަލިމަޑުކަމާ ހަނގުރާމަ ކުރުމަށް ބޮޑެތި ޤުރުބާނީތަކެއް ވަމުން، އެމީހުން އެތިބީ މީހުންނަށް އެހީތެރިވާން؛ އަހަރެމެން އަބަދުވެސް އެމީހުންގެ އަގު ވަޒަން ކުރާނަން." އިންޑިއާގައި ކޮރޯނާ ވައިރަހުގެ ހާލަތު އޮތް ގޮތާއި ބެހޭގޮތުން ރައްޔިތުންނާއި ހޯމަ ދުވަހު މުޚާތަބު ކުރައްވައި ދެއްކެވި ވާހަކައިގައި މޯދީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަންނޭގޭ

    ތިތަންތަންވީ ރޯކުރަން