ހަލުވިކަމާއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ، ނުރައްކާތެރި ކޮވިޑް-19 ވައިރަހަށް ފައްސި (ޕޮޒިޓިވް) ވެފައިވާ ކަން ހޮލީވުޑްގެ ކުޅަދާނަ އެކްޓަރު އިޑްރިސް އެލްބާ، މިއަދު ހާމަކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ލަންޑަނަށް އުފަންވި، އުމުރުން 47 އަހަރުގެ އިޑްރިސް އެލްބާ، މިއަދު އޭނާގެ މީސްމީޑިއާގެ ޓްވިޓާ އެކައުންޓް މެދުވެރިކޮށް ސަޕޯޓަރުންނާއި ހިއްސާކުރި މެސެޖެއްގައި ބުނިގޮތުގައި އޭނާ ވަނީ ބަލީގެ އަލާމާތްތައް ފެނުމާއެކު މީހުންނާ އެކަހެރިވެފައެވެ.

"މިއަދު ހެނދުނު އަހަރެން ވަނީ ކޮވިޑް-19 އަށް ފައްސިވެފައި. އަހަރެން މިހުރީ ހަމަޖެހިގެން. އަހަރެންގެ ގައިން ބަލީގެ އެއްވެސް ނިޝާނެއް ނުފެނުނު ކަމުގައި ވީނަމަވެސް، އަހަރެން ވަނީ އެކަހެރިވެފައި. އެއީ އަހަރެންގެ ސަބަބުން އެހެން މީހުންނަށް މި ބަލި ފެތުރުނަ ނުދިނުމުގެ ގޮތުން." އިޑްރިސް އެލްބާ މިއަދު ކުރި ޓްވީޓެއްގައި ބުންޏެވެ.

ކޮވިޑް-19 އާއި ގުޅިގެން އެލްބާ ވެސް އޭނާގެ ސަޕޯޓަރުންނަށް ކުރާ އިލްތިމާސަކީ އެންމެންވެސް މި ދަނޑިވަޅުގައި ގޭގައި މަޑުކޮށްގެން ތިބުމަށް އޭނާ އެދޭ ކަމަށާއި، އޭނާގެ ހާލާ މެދު ކަންބޮޑުވެ، ދެރަ ނުވުމަށެވެ.

އިޑްރިސް އެލްބާ އަކީ ބޮކްސް އޮފީހާއި ހޮލީވުޑްގައި އެތަކެއް ތަޖުރިބާތަކެއް ކޮށްފައިވާ ކުޅަދާނަ ފިލްމީ ތަރިއެކެވެ. އެގޮތުން އިޑްރިސް ވަނީ 'އެމެރިކަން ގޭންގްސްޓަރ'، 'ޕެސިފިކް ރިމް'، 'ތޯރ'، 'އެވެންޖަރސް' ފަދަ އެތަކެއް ފިލްމަކުން ބެލުންތެރިންނަށް ފެނިގެން ގޮސްފައެވެ. މީގެ އިތުރުން އޭނާ އަކީ ހުނަރުވެރި ލަވަކިޔުންތެރިއެއް/ ޑީޖޭ އެއްގެ ގޮތުގައިވެސް ފެނިގެން ގޮސްފައިވާ މަޝްހޫރު ފަރާތެކެވެ.

އިޑްރިސް އެލްބާ އަކީ ކޮވިޑް-19 ވައިރަހަށް ފައްސިވި ފުރަތަމަ ނަން މަޝްހޫރު ޝަހުސިއްޔަތެއް ނޫނެވެ. މީގެ ކުރިން ބައެއް ޤައުމުތަކުގެ ރައީސުންނާއި، ކެބިނެޓް މިނިސްޓަރުންގެ އިތުރުން ބައިނަލްއަޤްވާމީ ގޮތުން މަޝްހޫރުވެފައިވާ ބައެއް ފުޓުބޯޅަ ކުޅުންތެރިންވެސް ވަނީ ވައިރަހަށް ފައްސިވެފައެވެ.

އިނގިރޭސި ވިލާތުގައިވެސް ކޮވިޑް-19 ގެ ނުރައްކާ ވަނީ އިންތިހާ އަށް ބޮޑުވެފައެވެ. އެގޮތުން އެޤައުމުން މިހާތަނަށް ވަނީ މި ވައިރަސް ޖެހިގެން 53 މީހަކު މަރުވެފައެވެ.