ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން މެލޭޝިޔާ ލޮކްޑައުން ކޮށްފިއެވެ.

މެލޭޝިޔާ ލޮކްޑައުން ކޮށްފައިވާއިރު އެގައުމުން ކޮވިޑް-19 ޖެހިފައިވާ 553 ކޭސް ވަނީ ފެނިފައެވެ. އަދި އެ ބަލި ޖެހުނު މީހުންގެ ތެރެއިން 42 މީހަކު ވަނީ ބަލިން ރަނގަޅުވެސް ވެފައެވެ.

ގިނަ އަދަދެއްގެ ދިވެހިން މަތީ ތައުލީމު ހާސިލު ކުރަމުން އަންނަ މެލޭޝިޔާ ކޮވިޑް-19 ގެ ސަބަބުން ލޮކްޑައުުން ކުރިކަން ހާމަކުރީ އެގައުމުގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީން މިރޭ ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މެލޭޝިޔާ ލޮކްޑައުން ކޮށްފައި މިވަނީ އަންނަ ބުދަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށެވެ.

މެލޭޝިޔާ ލޮކްޑައުން ކުރުމާއި ގުޅިގެން ދީނީ އެއްވެސް ހަރަކާތެއް ލޮކްޑައުން ކޮށްފައިވާ މުއްދަތުގައި ނުހިންގޭނެ ކަމަށާއި އަދި އިޖުތިމާއީ އެއްވެސް ހަރަކާތެއް ނުހިންގޭނެ ކަމަށްވެސް މެލޭޝިޔާ ލޮކްޑައުން ކުރާކަން އިއުލާން ކުރަމުން އެގައުމުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

ލޮކްޑައުން ކޮށްފައިވާ މި މުއްދަތުގެ ތެރޭގައި މެލޭޝިޔާގެ އެއްވެސް ރައްޔިތަކަށް އެހެން ގައުމަކަށް ނުދެވޭނެއެވެ. އަދި ބޭރު ގައުމަކުން މެލޭޝިޔާއަށްދާ އެއްވެސް މީހަކަށް ވެސް އެތެރެ ނުވެވޭނެއެވެ. މީގެއިތުރުން އެހެން ގައުމަކުން އަންނަ މެލޭޝިޔާ ރައްޔިތުން 14 ދުވަހުގެ ކަރަންޓީނެއްގައި މަޑު ކުރަންޖެހޭނެ ކަމަށާއި ހުރިހާ ސްކޫލުތަކާއި ޔުނިވާސިތީތަކާއި ކޮލެޖުތައް ވެސް މި މުއްދަތުގައި ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އަދި ސަރުކާރު އޮފިސްތަކާއި ޕްރައިވެޓު އޮފީސްތައް ބަންދު ކުރުމަށް ނިންމާފައިވާއިރު ފެނުގެ ހިދުމަތް ދޭ ކުންފުނިތަކާއި ޕެޓްރޯލް ސްޓޭޝަންތަކާއި ޓީވީ ސްޓޭޝަން އަދި ބޭންކުތަކާއި ޕޯޓުތަކާއި އެއާޕޯޓުތަކުގެ އިތުރުން ގްރޮސަރީތަކެއް މި މުއްދަތުގައި ބަންދެއް ނުކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހައްމަދު

    ދިވެހި ކިޔަވާ ކުދިން އަވަހަށް ގެނޭ.