ރަޝިއާ އަށް އެހެން ގައުމުތަކުގެ މީހުން އެތެރެވުން މަނާ ކޮށްފިއެވެ.

ރަޝިއާ ސަރުކާރުން ދެންމެ އިއުލާން ކުރި ގޮތުގައި އަންނަ މެއި މަހުގެ ނިޔަލަށް އެއްވެސް ގައުމެއްގެ މީހަކަށް ރަޝިއާއަށް އެތެރެއެއް ނުވެވޭނެއެވެ. ނަމަވެސް ގައުމުން ބޭރުގައި ތިބި ރަޝިއާގެ ރަށްވެހިންނަށް ގައުމަށް އެތެރެވުމުގައި ހުރަހެއް ނޯންނާނެއެވެ.

ރަޝިއާ އަށް އެހެން ގައުމުތަކުގެ މީހުން އެތެރެވުން މަނާ ކުރީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.

ރަޝިއާ އިން މިހާތަނަށް 93 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އަދި މިހާތަނަށް ކޮވިޑް-19 ޖެހިގެން ރަޝިއާ އިން މީހަކު މަރެއް ނުވެއެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 181000 އަށް އަރާފައެވެ. އަދި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 7121 އަށް އަރާފައެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވީ 78326 މީހުންނެވެ.

ޗައިނާގައި މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ފެތުރެން ފެށި ކޮވިޑް-19 މިހާރު ވަނީ 150 އަށް ވުރެ ގިނަ ގައުމުން ފެނިފައެވެ. މިހާރު ބަލި އެންމެ ބާރަށް ފެތުރެމުން ދަނީ ޔޫރަޕްގެ ގައުމުތަކުގައެވެ.