ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ކޮވިޑް-19 އަށް ޓެސްޓް ކުރުން އިތުރުކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ދުނިޔޭގެ ހުރިހާ ގައުމަކަށް ގޮވާލައިފިއެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ގައުމުތަކަށް ދެއްވަން އޮތީ ވަރަށް އާދައިގެ މެސެޖެއް ކަމަށެވެ. "އަޅުގަނޑުމެން ދަންނަވަން އޮތީ ވަރަށް އާދައިގެ މެސެޖެއް. އެއީ ޓެސްޓް ކުރާށޭ. ޓެސްޓް ކުރާށޭ. ޓެސްޓް ކުރާށޭ. ޕޮޒިޓިވް (ފައްސި) ވެއްޖެނަމަ އެމީހެއްގެ ގައިން އަލާމާތްތައް ފެނުމުގެ ދެދުވަސް ކުރިން ފެށިގެން އޭނާ އާއި ބައްދަލުވި އެންމެން އެކަހެރި ކުރާށޭ." ޓެޑްރޯސް ވިދާޅުވިއެވެ.

ޓެޑްރޯސް ވިދާޅުވީ ކޮވިޑް-19 ޖެހިދާނެ ކަމަށް ޝައްކު ކުރެވޭ އެންމެން ޓެސްޓް ކޮށްގެން ނޫން ގޮތަކަށް މި ބަލިމަޑުކަމުން ސަލާމަތް ނުވެވޭނެ ކަމަށެވެ.

"ހުރިހާ ގައުމަކުން ވެސް ޝައްކު ކުރެވޭ ހުރިހާ ކޭސްއެއް ޓެސްޓް ކުރަން ޖެހޭ. ލޯމަރައިގެން ތިބެ އަލިފާނާއި ކުޅުމަކީ ނުރައްކަލެއް. މިވަގުތު ކަންކަމަށް ވަރަށް ބޮޑަށް ސަމާލުވެ، ފިޔަވަޅުތައް އަޅައިގެން ނޫން ގޮތަކަށް މިކަމުން ސަލާމަތެއް ނުވާނެ." ޓެޑްރޯސް ވިދާޅުވިއެވެ.

ޓެޑްރޯސް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން އަދިވެސް ބައެއް ގައުމުތަކުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުގެންދާ ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ނުފެނޭ ބައެއް ގައުމުތަކުން އަދިވެސް ކުއްލި ހާލަތެއްގައި އެކަށީގެންވާ އަވަސް ފިޔަވަޅުތަކެއް އަޅަމުން ގެންދާތަނެއް. އެކަށީގެންވާ އަދަދަށް ޓެސްޓް ކުރުން ކުރިއަށް ގެންދާތަނެއް ނުފެނޭ. އަދި މީހުން އެކަހެރިކޮށް ކޮންޓެކްޓް ޓްރޭސިން ވެސް އެންމެ ރަނގަޅަށް ކުރިއަށް ގެންދާތަނެއް ނުފެނޭ. ނަމަވެސް ޓެސްޓް ކުރުމާއި، މީހުން އެކަހެރި ކުރުމާއި، ކޮންޓެކްޓް ޓްރޭސިން އަކީ ބަލި ކޮންޓްރޯލް ކުރުމުގެ މައިބަދަ." ޓެޑްރޯސް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ޓެސްޓް ކުރުމުގައި ބައެއް ގައުމުތަކުން ސަމާލުކަން ނުދޭކަމަށް ޓެޑްރޯސް ވިދާޅުވި ނަމަވެސް އެއީ ކޮން ގައުމުތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ. އެމެރިކާގެ ބައެއް މީޑިއާތަކުން ބުނީ ޓެޑްރޯސް އިޝާރާތް ކުރައްވާފައި ވަނީ އެމެރިކާއަށް ކަމަށެވެ. އެމެރިކާ އިން ކޮވިޑް-19 އަށް އެކަށީގެންވާ އަވަސް މިނެއްގައި ޓެސްޓް ކުރުން ކުރިއަށް ނުގެންދާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ކޮވިޑް-19 ފެތުރެން ފެށުމާއި އެކު އެންމެ އަވަހަށް ބަލި ކޮންޓްރޯލް ކުރި ދެކުނު ކޮރެއާ އާއި ސިންގަޕޫރު އަދި ޓައިވާން ފަދަ ގައުމުތަކުގައި ބަލި އެހައި އަވަހަށް ކޮންޓްރޯލް ކުރެވުނު އެއް ސަބަބަކީ ވަރަށް އަވަހަށް ޝައްކު ކުރެވޭ މީހުން ޓެސްޓް ކުރެވި، އެމީހުން އެކަހެރި ކުރެވުމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އަބޫބަކުރު

  ޓެސްޓެއް ނޫން ކުރާނީ އިމްތިހާން ކުރާނީ (ދިވެހިބަސް)

  • ހަރުބޯ

   ޓެސްޓް އެއްނޫން، ޓެއްސި، ދިވެހިބަސް ނައްސި، ފައްސި، ޓެއްސި، މިދަނޑިވަޅު ގައިވެސް އާ ބަހެއް ހަދާލުން ވަރައް މުހިންމުވާނެ،

   11
 2. Anonymous

  ކަރަންޓީން ވެސް ކުރާންވޫ

  13
  1
 3. ޓެސް

  އަލާމާތެއް ފެނިއްޖިއްޔާ ޓެސްޓްމިކުރަނީ! ޢަލާމާތް ނުފެނި އަންނަ މީހުންވެސް ޓެސްޓް ކުރަން ޖެހޭ!އެމީހުންވެސް ބަލިފަތުރާތީ! ޓެސްޓު ކުރަން ދަންނަ ބަޔަކު ނެތިގެން މިއުޅެނީ! ޓެސްޓުކުރެވެނީވެސް މާލޭ ސިޓީ އަށް އައިސް! ޢެއީތޯ މިވިދާޅުވާ ވާހަކައަކީ!

 4. ހުސޭނުބޭ

  އަހަރެމެންގެ ރައްޔިތުންގެ މަޖިލީހުގައި އެބައުޅޭ ކޮންމެފަދަ ޓެސްޓެއްކުރިޔަސް އެހެން އެއްޗަކަށް ޕޮޒިޓިވް ވާ މީހުން! އަޅެ އެމީހުންނަށް ހަދާނީ ކިހިނެއްހޭ!