ކޮވިޑް-19 ޖެހިގެން އިންޑިއާ އިން އިތުރު މީހަކު މިއަދު މަރުވެއްޖެއެވެ.

މިއީ އިންޑިއާ އިން މި ބަލި ޖެހިގެން މަރުވި ތިން ވަނަ މީހާއެވެ. އިންޑިއާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ގައުމުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 129 އަށް އަރައިފައެވެ. އޭގެތެރެެއިން 13 މީހެއް ރަނގަޅުވި އިރު، ބަލި ޖެހުނު އެއްވެސް މީހެއްގެ ހާލު ސީރިއަސްއެއް ނޫނެވެ.

އެ ގައުމުގެ މީޑީއާ ރިޕޯޓުތައް ބުނާ ގޮތުން އެންމެ ފަހުން މި ބަލީގައި މަރުވެފައި ވަނީ 64 އަހަރުގެ ފިރިހެނެކެވެ. އެމީހާ މަރުވީ އިންޑިއާގައި މި ބަލި އެންމެ ގަދަ އަށް މިހާރު ފެތުރެމުން އަންނަ މަހަރަޝްތްރާގެ ކަސްޓާބޯ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ކަމަށްވެއެވެ. އެކަމަކު، އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ނުބުނެއެވެ.

ނަމަވެސް، އެމީހާ އެންމެ ފަހުން އައީ ދުބާއީން ކަމަށްވެއެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިއާ އިން މިއަދު ވަނީ އަފްގާނިސްތާނުންނާއި ފިލިޕީންސް އާއި މެލޭޝިއާ އިން މީހުން އެ ގައުމަށް ނާދެވޭ ގޮތް ހަދައިފައެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 182,700 އަށް ވަނީ އަރައިފައެވެ. އަދި މަރުވި މީހުންގެ އަދަދު 7,173 އަށް އަރާފައިވާ އިރު، މި ބަލި ޖެހިގެން މިހާތަނަށް ރަނގަޅު ކުރެވުނީ 79,883 މީހުންނެވެ.

ކޮވިޑް-19 ދުނިޔޭގެ 145 ގައުމެއްގައި ފެތުރެމުން އަންނަ އިރު، މި ބަލި އެންމެ ގަދައަށް ފެތުރޭ ގައުމުތަކުގެ ތެރޭގައި އިޓަލީ، ފްރާންސް، ސްޕެއިން ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު