ފިލިޕީންސްގައި ކޮވިޑް-19 ފެތުރެމުންދާތީ 57 މިލިއަން މީހުން ކަރަންޓީންކޮށްފައިވާ ކަން ސަރުކާރުން މިއަދު އިއުލާންކޮށްފިއެވެ.

އެ ގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓް ވިދާޅުވީ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އަންނަ މަހުގެ 12 އާ ހަމައަށް އެ ގައުމުގައި ތިބި މީހުން ކަރަންޓީނުގައި ތިބެން ޖެހޭނެ ކަމަށެވެ. އެކަމަކު، ކާބޯތަކެތި ގަތުމަށާއި ބޭހާއި ޒަރޫރީ ބޭނުންތައް ފުއްދުމަށް މީހުންނަށް މަގުތަކަށް ނުކުމެ އުޅެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަމައެކަނި ކާބޯތަކެތި ވިއްކާ ތަންތަނާއި ބޭސް ފަދަ ތަކެތި ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ،" ފިލިޕީންސްގެ ރައީސް ވިދާޅުވިއެވެ.

ފިލިޕީންސްގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ގައުމުގައި 142 މީހަކަށް ކޮވިޑް-19 ޖެހިފައިވެއެވެ. އަދި 12 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

ފިލިޕީންސްގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ކަރަންޓީނު މުއްދަތުގެ ތެރޭގައި އާންމުން ގެއިން ބޭރަށް ނުކުތުމުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އަދި އާންމު ދަތުރުފަތުރުގެ ނިޒާމު ސަސްޕެންޑްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ މި ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ސަލާމަތީ ބާރުތަކުން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާ އިން އެންމެ ފުރަތަމަ ފެނުނު ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 182,700 އަށް އަރައިފައެވެ. އަދި މަރުވި މީހުންގެ އަދަދު 7,173 އަށް އަރާފައިވާ އިރު، މި ބަލި ޖެހިގެން މިހާތަނަށް ރަނގަޅު ކުރެވުނީ 79,883 މީހުންނެވެ.

ކޮވިޑް-19 އެންމެ ހަލުވިމިނެއްގައި ފެތުރޭ ގައުމުތަކުގެ ތެރޭގައި ޗައިނާ، އިޓަލީ، އީރާން، ސްޕެއިން، ސައުތު ކޮރެއާ، ޖަރުމަނު އަދި ފްރާންސާއި އެމެރިކާ ހިމެނެއެވެ. ރާއްޖެ އިން މި ބަލި 13 މީހެއްގެ ގައިން ފެނިފައިވާ އިރު، އޭގެތެރޭގައި ދިވެއްސަކު ނުހިމެނެއެވެ.

ފިލިޕީންސްގައި ބައެއް ދިވެހިން މިހާރު ތިބި އިރު، އެމީހުން ގެނައުމުގެ މަސައްކަތް ދިވެހި ސަރުކާރުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    57 މިލިއަން މީހުންކަރަންޓީނެށް މުކުރެ. ދޮގު ހަބަރު ނުފަތުރު ވަމާތޯ

  2. Anonymous

    މަ ހަމަ އަޖައިބު ވެއްޖައިން.

  3. ހެޔޮނުވާނެ

    ލޮކްޑައުން ކުރީ އެންމެން ގެ ސޭފްޓީ އަކަށް. އިތުރަށް ބަލި ފެތުރުނަ ނުދޭން ވެގެން. މިހާ ބޮޑު ކޮށްލާފަ ރާއްޖޭގަ ތިބި ޕޭރެންޓްސް ހާސް ވާނެ ކަހަލަ ގޮތްގޮތަށް ހަބަރު ނުލިއުނިއްޔާ ރަނގަޅުވާނީ!!!!