ސްރީލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް ބަންދުކޮށް، ވައިގެ މަގުން އެ ގައުމަށް މީހުން އެތެރެވުން މަނާކޮށްފިއެެވެ.

އަވަށްޓެރި ލަންކާއިން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެއާޕޯޓް ބަންދު ކޮށްފައިވާއިރު އެ ގައުމުން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ދިވެހިން ހިމެނޭ ގޮތަށް އޮންއެރައިވަލް ވިސާ ދިނުން ވެސް މެދު ކަނޑާލާފައެވެ.

ލަންކާ އެއާޕޯޓް ބަންދު ކޮށްފައިވާކަން ހާމަ ކޮށްފައިވަނީ އެ ގައުމުގެ ވިޔަފާރި އާ ބެހޭ މިނިސްޓްރު ވިމަލް ވީރަވަންޝާއެވެ. އޭނާ ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން އެހެން ގައުމުތަކުން އަންނަ ހުރިހާ ފްލައިޓްތަކެއް ހުއްޓާލުމަށް އެގައުމުގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އެއާޕޯޓް ބަންދުކޮށްފައިވަނީ ކިހާ މުއްދަތަކަށް ކަމެއް އޭނާ ހާމަ ކޮށްފައެއް ނުވެއެވެ.

ލަންކާގައި މި ވައިރަސް ފެތުރެމުން އަންނާތީ އެކަމަށް އަޅާނެ ފިޔަވަޅުތައް ހާމަ ކުރުމަށް އެގައުމުގެ ރައީސް މިރޭ ގައުމާ މުހާތަބު ކުރުމަށް ވަނީ ނިންމާފައެވެ.

ލަންކާގައި ކޮވިޑް-19 މިހާތަނަށް 21 މީހެއްގެ ގައިން ފެނިފައިވާ އިރު، 200 އަށް ވުރެ ގިނަ މީހުން މިހާރު ތިބީ އޮބްޒަވޭޝަންގައެވެ. ލަންކާގައި އެންމެ ފަހުން ކޮވިޑް-19 ފެނުނީ 13 އަހަރުގެ ކުއްޖެއްގެ ގައިންނާއި 50 އަހަރާއި 37 އަހަރުގެ މީހެއްގެ ގައިންނެވެ.

ޗައިނާ އިން އެންމެ ފުރަތަމަ ފެނުނު ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 182,700 އަށް އަރައިފައެވެ. އަދި މަރުވި މީހުންގެ އަދަދު 7,173 އަށް އަރާފައިވާ އިރު، މި ބަލި ޖެހިގެން މިހާތަނަށް ރަނގަޅު ކުރެވުނީ 79,883 މީހުންނެވެ.

ކޮވިޑް-19 އެންމެ ހަލުވިމިނެއްގައި ފެތުރޭ ގައުމުތަކުގެ ތެރޭގައި ޗައިނާ، އިޓަލީ، އީރާން، ސްޕެއިން، ސައުތު ކޮރެއާ، ޖަރުމަނު އަދި ފްރާންސާއި އެމެރިކާ ހިމެނެއެވެ. ރާއްޖެ އިން މި ބަލި 13 މީހެއްގެ ގައިން ފެނިފައިވާ އިރު، އޭގެތެރޭގައި ދިވެއްސަކު ނުހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޜަންކޮޅު

    މިވެރިން ވެލާނާ އެއަރޕޯޓް ބަންދުނުކޮށް މިއުޅެނީ މޯދީގެ އިޝާރާތަކަށްބާ! މިއޮއްވަރަށް ބަލިމީހުންތަށް އެތެރެވާއިރު ކަހާލިތަން ހިރުވާވެސް ނުލާ!އެޗްޕީއޭ އެކޭ ކިޔަކިޔާ އެތިބެނީ! މިއީގައުމަށް ދިމާވެގެން އުޅޭ ބަލާވެރިކަމެއް ކަން ނޭގެނީބާ!

    18
    3
  2. ޤައުމު

    ޕްލީޒް އެއާރޕޯރޓް ބަންދުކުރޭ 14 ދުވަހަށް ޕލޒ