ކޮވިޑް-19 ގެ ސަބަބުން ލަންކާ ރައްޔިތުންނަށް ދިމާވެފައިވާ އިޤުތިޞާދީ ދަތިކަމުން އަރައިގަތުމަށް އެގައުމުގައި އެންމެ ގިނައިން ކެއުމަށް ބޭނުން ކުރާ މުގާއި، މަސްދަޅުގެ އަގު ސަރުކާރުން ހެޔޮކޮށްފިއެވެ.

ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ މިރޭ ގައުމާއި މުހާތަބު ކުރައްވާ ވިދާޅުވީ މުގު ކިލޯއެއް ދެން އެންމެ އަގުބޮޑުކޮށް ވިއްކޭނީ 65 ރުޕީސް އަށް ކަމަށާއި އަދި މަސްދަޅެއް އެންމެ އަގުބޮޑުކޮށް ވިއްކޭނީ 100 ރުޕީސް އަށް ކަމަށެވެ.

ލަންކާ ބާޒާރުގައި މިހާރު މުގު ކިލޯއެއް ލިބެން ހުރީ 129 އާއި 135 ރުޕީސް އާއި ދެމެދުގެ އަގަކަށެވެ. އެހެންކަމުން މުގުގެ އަގަށް ގެނައީ 50 އިންސައްތައަށް ވުރެ ވެސް ހެޔޮ ބަދަލެކެވެ. މަސްދަޅެއް ލިބެނީ 200 ރުޕީސް އާއި 300 ރުޕީސް އާއި ދެމެދުގެ އަގެއްގައެވެ.

ލަންކާ އިން އާއްމު ރައްޔިތުން ނަގާފައިވާ ވިޔަފާރި ލޯނުތައް ވެސް ދެއްކުން ހަމަސް ދުވަހަށް މަޑުޖައްސާލަން ވެސް ނިންމާފައެވެ.

ރައްޔިތުންނަށް ފައިދާވާނެ މުހިއްމު ނިންމުންތަކެއް ލަންކާ ސަރުކާރުން ނިންމިއިރު އެގައުމުގެ އިޤުތިޞާދު ވެސް އޮތީ މައްސަލަތަކެއްގެ ތެރޭގައެވެ. މިދިޔަ އަހަރު އެގައުމަށް ދިން ނިރުބުވެރި ހަމަލާތަކަށް ފަހު އަދި ފަތުރުވެރިކަން އޮތީ ހަމައަކަށް ނޭޅިއެވެ.

ކޮވިޑް-19 ގެ ސަބަބުން ލަންކާގެ ފަތުރުވެރިކަމަށް ވެސް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުން ލިބޭނެ ކަމަށް އެގައުމުގެ އޮފިޝަލުން އަންނަނީ ވިދާޅުވަމުންނެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން އެންމެ ވަރުގަދަ ފިޔަވަޅުތަކެއް އެންމެ އަވަހަށް އެޅި ގައުމުތަކުގެ ތެރޭގައި ވެސް ލަންކާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަންބެ

    ލަންކާ އިން މަސްދަޅާއި މުގު އަގުހެއުކޮށްފައިވާއިރު ރާއްޖޭގައި މިދަނީ ތަކެތީގެ އަގު އިންތިހާއަށް ބޮޑުކުރަމުން. އެންމެ ފިހާރައަކުން މިއަގުތައް ބޮޑުނުކުރާން ނިންމިއިރު، ބައެއް ވިޔާފާރިތަކުން ވަނީ މި ދަނޑިވަޅުގެ ނާޖާއިޒު ފައިދާ ނެގުމަށް ފޫގަޅާލައިފަ.