ކޮވިޑް-19 އެންމެ ފުރަތަމަ ފެތުރެން ފެށި ޗައިނާ އިން އަންގާރަ ދުވަހު ބައްޔަށް ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންގެ ތެރެއިން ޗައިނާ އިން އެބަލި އެރީ އެންމެ މީހެއްގެ ގަޔަށް ކަމަށް ޗައިނާ އިން ނޭޝަނަލް ހެލްތު ކައުންސިލް އިން ބުނެފިއެވެ.

ޗައިނާގެ "ޒިންހުއާ" ނޫހުން ބުނާ ގޮތުގައި އަންގާރަ ދުވަހު ޗައިނާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދަކީ 13 އެވެ. އޭގެ ތެރެއިން 12 މީހުންނަކީ އެހެން ގައުމުތަކުން ޗައިނާ އަށް އެތެރެވި މީހުންނެވެ.

"އަންގާރަ ދުވަހު އަލަށް ބަލި ޖެހިފައި ވަނީ 13 މީހުންނަށް. އޭގެ ތެރެއިން ހުބެއީ ޕްރޮވިންސްގެ ވެރިރަށް ކަމަށްވާ ވޫހާން އިން ބަލި ޖެހުނު އެންމެ މީހަކު ފިޔަވައި ދެން އެންމެންނަކީ ވެސް ޗައިނާ އަށް އެހެން ގައުމުތަކުން އެތެރެވި މީހުން." ޒިންހުއާގައި ބުނެފައި ވެއެވެ.

އަންގާރަ ދުވަހު ކޮވިޑް-19 ޖެހިގެން ޗައިނާ އިން 11 މީހުން މަރުވިއެވެ.

ޗައިނާ އަށް އެތެރެވި 155 މީހެއްގެ ގައިން މިހާތަނަށް ކޮވިޑް-19 ފެނިފައި ވެއެވެ.

ކޮވިޑް-19 ދުނިޔޭގެ އެކި ހިސާބުތަކުން ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 198000 އަށް އަރާފައެވެ. ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު 7987 އަށް އަރައެވެ. މިހާތަނަށް ބަލިން ރަނގަޅު ވެފައި ވަނީ 82763 މީހުންނެވެ.

ކޮވިޑް-19 ޗައިނާގައި ފެތުރެން ފަށައި ފެބްރުއަރީ މަހު ބަލި ޖެހުނު މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާން ފެށުމާއި އެކު، މުޅި ޗައިނާ އަށް ބަލި ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރުވެރިކަން ވަރަށް ބޮޑުވިއެވެ. ނަމަވެސް ޗައިނާ އިން ހުބެއީ ޕްރޮވިންސް ލޮކްޑައުންކޮށް، އަވަހަށް އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ހައިރާންވާހާ އަވަސް މުއްދަތެއްގައި ޗައިނާ އިން ވަނީ ކޮވިޑް-19 ކޮންޓްރޯލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލީ

    އަލްޙަމްދު ލިއްލާހި