މިނިވަން ކަމަށްޓަކައި ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާގެ ތެރެއިން އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި ޒަޚަމްކޮށްލި ފަލަސްތީނު ކުޑަކުއްޖާގެ ފައި ބުރިކޮށްލައިފިއެވެ.

އުމުރުން 12 އަހަރުގެ އަބްދުއްރަހްމާން ނައުފަލްގެ ގަޔަށް އިސްރާއީލުގެ އަނިޔާވެރި ސިފައިން ބަޑި ޖެހި މަންޒަރު ފެންނަ ފޮޓޯ ތަކެއް މީސް މީޑިއާގައި ދައުރު ވާއިރު އަބްދުއްރަހްމާން ނައުފަލްގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖެހީ ޣައްޒާގެ މެދުތެރޭގެ އަލްބުރެއިޖް ރެފިއުޖީ ކޭމްޕް ސަރަހައްދުން ފެންސު ކައިރީގައި ހުއްޓައެވެ.

ލިބުނު ޒަހަމުތަކަށް އަބްދުއްރަހްމާން ނައުފަލް ޣައްޒާގެ ހޮސްޕިޓަލަކަށް ގެންދިޔަ ނަމަވެސް އޭނާގެ ފައި ސަލާމަތް ކުރުމުގައި ޑޮކްޓަރުން ނުކުޅެދުމުގެ ސަބަބުން ޒަޚަމްވި ފައި ވަނީ ބުރިކޮށްލާފައެވެ. ބުރިކޮށްލާފައިވަނީ އޭނާގެ ވާތު ފައިގެ ކަކުލުން ތިރީގެ ހިސާބަކުންނެވެ.

އަބްދުއްރަހްމާން ނައުފަލް ބުނީ، އޭނާ ފެންސު ކައިރީގައި އުޅުނީ ރައްޓެހި ކުދިންނާއެކު އިސްރާއީލު ސިފައިންނާ ދިމާއަށް ގާއުކުމުން ކަމަށެވެ.

" އަޅުގަނޑުވެސް އެމީހުންނާއެކު ގޮސް ގާއުކަން ފެށީ. ހަމަލާދިނީ ގާއުކަންފެށުމާއެކު" އޭނާ ބުންޏެވެ.

މިދިޔަ ހުކުރު ދުވަހުވެސް އިސްރާއީލުގެ އުދުވާނީ ސިފައިންވަނީ، އުމުރުން 15 އަހަރުގެ މުހަންމަދު އައްޔޫބް ނަމަކަށްކިޔާ ކުއްޖެއްގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލާފައެވެ.

މާޗް 30 ވަނަ ދުވަހުން ފެށިގެން ކޮންމެ ހުކުރު ދުވަހަކު އައްޒާ ގުޅޭ ރޮގު ކައިރިއަށް އެތައްހާސް އާންމުން އެއްވެ ކުރަމުންގެންދާ މުޒާހަރާތަކުގެ ތެރެއަށް އިސްރާއީލުގެ އުދުވާނީ ބާރުތަކުން ބަޑިޖަހައި މިހާތަނަށް ފަލަސްތީނުގެ 40 މީހުން ޝަހީދު ކޮށްލާފައި ވާއިރު، އެތައްސަތޭކަ ބަޔަކު ޒަޚަމް ކޮށްލާފައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު