ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަސްގެ ސަބަަބުން ދުނިޔޭގެ ގައުމުތަކުގައި ފޭސް މާސްކު ހޯދުން ދަތިވެފައި ވަނިކޮށް ޗައިނާ އިން ފްރާންސަށް 1 މިލިއަން މާސްކު ފޮނުވަން ނިންމައިފިއެވެ.

ފްރާންސްގެ ފޮރިން އެފެއާސް މިނިސްޓަރު ކަމުގައިވާ ޖޯން ލެ ޑްރިއަން ވިދާޅުވެފައި ވަނީ ޗައިނާ އިން ފޮނުވި މާސްކާއި ސިއްހީ އާލާތްތަކުގެ ފުރަތަމަ ޝިޕްމެންޓު މިއަދު ލިބިފައިވާ ކަމަށާއި އަދި މިލިއަނެއްހާ މާސްކު ޖުމްލަ އެގައުމަށް ލިބިގެން ދާނެ ކަމަށެވެ.

”އަޅުގަނޑުމެން (ފްރާންސް)ން ވާނީ ޗައިނާގައި ވައިރަސް އެންމެ ހަލުވިކަމާއި އެކު ފެތުރުނު ދުވަސްވަރު އެ ގައުމަށް އެހީތެރިކަން ފޯރުކޮށްދީފަ. މިއަދު ފްރާންސް އެހާލަތަށް ދިއުމުން ޗައިނާ އިން އަޅުގަނޑުމެންނަށް އެ އެހީ ވަނީ. ޗައިނާ އިން ޖުމްލަ 1 މިލިއަން މާސްކު ފްރާންސަށް ލިބޭނެ. މިއަދު މި ލިބުނީ ފުރަތަމަ ޝިޕްމެންޓް. މާދަމާ އަދި އިތުރު ޝިޕްމެންޓެއް އަންނާނެ.“ ޑްރިއަން ވިދާޅުވިއެެވެ.

ފްރާންސްގައި 6000ށް ވުރެން ގިނަ މީހުން ވައިރަސް އަށް ފައްސި (ޕޮސިޓިވް) ވެފައިވާިއރު އެތައް ބަޔަކު ވަނީ މަރުވެސް ވެފައެވެ. މިއަދު އެކަނިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން 4،000ށް ވުރެން ގިނަ މީހުން ފައްސިވެފައި ވާއިރު 45 މީހަކު ވަނީ މަރުވެފައެެވެ. އަދި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 2 ލައްކަ އަށް ވުރެން އިތުރުވެފައެވެ.