ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުންދާ އިޓަލީވިލާތުގެ ހާލަތު އިތުރަށް ގޯސްވެ މިއަދު އެކަނިވެސް އިތުރު 475 މީހުން މަރުވެއްޖެއެވެ.

މިއަދު އިޓަލީވިލާތުން މަރުވި މީހުންނާއި އެކު އެގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2978 އަށް އަރާފައެވެ.

ދެންމެ އިޓަލީވިލާތުގެ ސަރުކާރު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު އެކަނިވެސް އެގައުމުން 4207 މީހުން ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. އެހެންކަމުން މިއަދަކީ އިޓަލީވިލާތުން އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހުނު ދުވަހެވެ. އަދި މިބަލީގައި އެއް ދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވި ދުވަހަކީ ވެސް މިއަދެވެ.

މިހާތަނަށް އިޓަލީވިލާތުން 35713 މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. މިހާރު ވެސް 2257 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އެބަގެންދެއެވެ. އެގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 4025 މީހުން މިހާތަނަށް ރަނގަޅު ވެފައި ވެއެވެ.

ކޮވިޑް-19 ޖެހިގެން މިއަދު މިހާތަނަށް 23 ގައުމަކުން 820 މީހުން މަރުވެފައި ވެއެވެ. މިއީ އެއް ދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އަދި މިއަދު 14581 މީހުން ވަނީ މިހާތަނަށް ފައްސިވެފައެވެ. މިއަދަކީ އެއް ދުވަސް ތެރޭގައި މީގެ ކުރިން ފައްސިވި މީހުންގެ އަދަދަށް ބަލާއިރު އެންމެ ގިނައިން މީހުން ފައްސިވި ދުވަހެވެ.

އިޓަލީވިލާތުން މިއަދު ވެސް ބުނީ އަދިވެސް ކޮވިޑް-19 "ޕީކަށް" ހިނގައްޖެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެހެންކަމުން އަދިވެސް އެގައުމުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދު އިތުވާނެ ކަމަށް ލަފާކުރެވެއެވެ. މިހާރު އިޓަލީވިލާތުގެ ސަރުކާރުން ލަފާކުރަނީ އެގައުމުން ބަލި ޖެހެ މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދު މަދުވާން ފަށާނީ މާޗް 25 އާއި އޭޕްރީލް 15 އާއި ދެމެދުގެ ތާރީޚެއްގައި ކަމަށެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން އިޓަލީވިލާތުން ވަނީ މާޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން މުޅި ގައުމު ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. ނަމަވެސް އެކަމުގެ ސަބަބުން ބަލި ޖެހޭ މީހުންގެ އަދަދަށް ބަދަލެއް އަންނަން އެންމެ މަދުވެގެން ވެސް 10 ދުވަސް ނަގާނެ ކަމަށް ލަފާކުރެވެއެވެ.

އިޓަލީވިލާތުގެ ހާލަތު ގޯސްވަމުން ދާތީ ޗައިނާ އާއި ކިއުބާ އިން މިހާރު ވަނީ ބޭހާއި، ސިއްހީ ޚިދުމަތް ދިނުމަށް ބޭނުންވާ ބައެއް ތަކެއްޗާއި، ޑޮކްޓަރުން އިޓަލީވިލާތައް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު