ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ފްރާންސް އިން އިތުރު 89 މީހަކު މަރުވެއްޖެއެވެ.

މިއީ އެ ގައުމުން 24 ގަޑިއިރުގެ ތެރޭގައި މިބަލީގައި އެންމެ ގިނަ ބަޔަކު މަރުވި ފަހަރެވެ. އެ ގައުމުން މިހާތަނަށް ކޮވިޑް-19 ޖެހިގެން 264 މީހަކު ވަނީ މަރުވެފައެވެ.

ފްރާންސް އިން މިހާތަނަށް 9،134 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް އެގައުމުން 1،404 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މުޅި ދުނިޔެއިން މިހާތަނަށް 216,817 މީހަކު މިވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެތެރެއިން 84,383 މީހަކު މިހާރު ވަނީ މިބަލިން އެއްކޮށް ރަނގަޅުވެފައެވެ. ކޮވިޑް-19 އަކީ ހަލުވިކަމާއެކު ފެތުރެމުންދާ ބައްޔެއް ކަމުގައި ވީނަމަވެސް، މިބަލި ޖެހިގެން މިހާތަނަށް މަރުވެފައިވަނީ އެންމެ 4.1 އިންސައްތަ މީހުންނެވެ. އެއީ 8،908 މީހުންނެވެ.

މި ބަލި ޖެހިގެން އާންމުކޮށް މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހުންނާއި، ނޭވާލާ ނިޒާމުގެ އެކި ބަލިތައް ހުންނަ މީހުންނާއި، އަދި އެކި ބޮޑެތި ބަލިތައް ހުންނަ މީހުންނެވެ.

ޗައިނާގެ ވުހާން އިން ފެތުރެން ފެށި ކޮވިޑް-19 މިހާރު މިވަނީ ރާއްޖެއިންވެސް ފެނިފައެވެ. މިހާތަނަށް ރާއްޖެއިން 13 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެހެންނަމަވެސް އަދި އެއްވެސް ދިވެއްސަކު މި ބައްޔަށް ފައްސިވެފައެއް ނުވެއެވެ.