މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ވައިރަހުގެ ސަބަބުން އިޤްތިސާދީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ހެދި ބައިނަލްއަޤްވާމީ މަޝްހޫރު ފެޝަން ބްރޭންޑު، 'ޒާރާ' އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ކުންފުނީގެ 3785 ސްޓޯރެއް ބަންދުކުރަން ނިންމައިފިއެވެ.

މިހާތަނަށް މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 10،000 އަށްވުރެ ގިނަ ސްޓޯރު ހިންގަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު އެއް ފެޝަން ޗެއިން، ޒާރާ އިން މިހާރު ވަނީ ސްޕެއިން ގައި ހިންގަމުން އަންނަ އެ ކުންފުނީގެ ހުރިހާ ސްޓޯރެއް ބަންދުކޮށްފައެވެ.

ސްޕެއިންގެ ބޭރުން 39 ޤައުމެއްގައި ހިންގަމުން އައި ޒާރާގެ ގިނަ އަދަދެެއްގެ ސްޓޯރުތަކެއް ވެސް ބަންދުކުރަން ވަނީ ނިންމާފައެވެ. މިގޮތަށް އެ ކުންފުނިން ނިންމާފައިވަނީ ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ދުނިޔޭގެ ގިނަ ޤައުމުތަކުން ދަތުރުފަތުރު ކުރުން މަނާކޮށް، ޤައުމުތަކާއި، ސިޓީތައް ކަރަންޓީނު ކޮށް، ލޮކްޑައުން ކުރަމުންދާ އިޤްތިސާދީ ހުއްޓުމަކަށް ދުނިޔެ ގޮސްފައިވާ ދަނޑިވަޅެއްގައެވެ.

ސްޕެއިންގެ ގަލީސިއާ ގައި 1974 ވަނަ އަހަރުގެ ތެރޭގައި އުފެއްދި ޒާރާ ބްރޭންޑަކީ މިލިއަނުން ގުނާލެވޭ އެ ކުންފުނީގެ ކަސްޓަމަރުން އަބަދުވެސް އެންމެ ހިތްހަމަޖެހޭ ބާވަތްތަކުގެ ކޮސްޓިއުމާއި، ކޮސްމެޓިކްސްގެ އިތުރުން ސެންޓާއި، އެހެނިހެން ފެޝަން ޕްރޮޑަކްޓުތަކަށް ވިއްކަމުން އަންނަ މުޅި ދުނިޔޭގެ ނިސްބަތުންވެސް، ފެންވަރު ރަނގަޅު ބްރޭންޑެއްގެ ގޮތުގައި ބަލައިގެންފައިވާ ބްރޭންޑެކެވެ.


ކޮވިޑް-19 ގެ ސަބަބުން ޒާރާ ކުންފުނީގެ ގިނަ އަދަދެއްގެ ސްޓޯރުތަކެއް ބަންދުކުރަން ޖެހި، އެ ކުންފުނީގެ މާރޗު މަހުގެ ފުރަތަމަ 2 ހަފްތާގެ ވިޔަފާރި ފައިދާ ވަނީ 24 އިންސައްތަ ވެއްޓިފައެވެ. ސްޕެއިންގައި ހަލުވިކަމާއެކު ވައިރަސް ފެތުރޭތީ އެ ޤައުމުގެ ސަރުކާރުން ވަނީ މުޅި ޤައުމު ފުރަބަންދު (ލޮކްޑައުން) ކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ނިންމާފައެވެ.

ޒާރާ ކުންފުންޏަށް އެންމެ ބޮޑު ހިތްދަތިކަމަކާ ކުރިމަތިލާން ޖެހިފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ 31 އާއި ހަމަޔަށް އެ ކުންފުންޏަށް، އޭގެ ކުރީގެ އަހަރާއި އަޅާބަލާއިރު، 8 އިންސައްތައިގެ ފައިދާއެއް ލިބިފައިވަނިކޮށް ކޮރޯނާ ވައިރަހުގެ ސަބަބުން ކުންފުނީގެ ވިޔަފާރި އަށް މިހާބޮޑު ގެެއްލުމެއް ލިބިފައިވާތީއެވެ.

ޒާރާއިން ގިނަ އަދަދެއްގެ ސްޓޯރުތަކެއް ބަންދުކުރިއަސް، އެ ކުންފުނީގެ ބައެއް ސްޓޯރުތައް އަދިވެސް ޗައިނާ އާއި ޔޫކޭގައި ވެސް ބަންދުނުކޮށް އެބަހުއްޓެވެ. ނަމަވެސް، އެޤައުމުތަކުގެ ސަރުކާރުތަކުން ނިންމާ ނިންމުންތަކަށާއި، ކޮވިޑް-19 އާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތައް، އެ ކުންފުނިން ދަނީ ގާތުން ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ްައަހްމަދު

    މިހާރުއެހެންވީމާ ކޮވިޑް 19ގެސަބަބުން މިހާތަނައް ބަގްރޫޓުވީ ޒާރާކުންފުންޏާ ވިލާކުންފުނިތާ އެހެންކުންފުނިތަކުންއަދި ހިއްވަރާއެކު އެބަމަސައްކަތްކުރޭ އަރައިގަނެވޭތޯ ﷲއީ މުއްސަނދިކަމާ ފަގީރުކަން ދެއްވާރަސްކަލާންގެ

    33
    1
  2. އ. ޖ. އ

    ވިޔަފާރި އަކީ ފުނޑުފުނޑު ވާ އެއްޗެއްތަ

    6
    3
  3. Anonymous

    ޢަނބުފިހާރަ ކޮބާ؟

  4. ސިކަންދަރު

    ފެޝަނަކީ ވަރައް ފޫހިވާއެއްޗެއް ކަނބަލުންގެ ބަރަހަނާ ކުރާއެއްޗެއް މިރާއްޖޭގަވެސް މިހާރު ގައުމީ ޓީވިން ތިކަން ދިވެހިންލައްވާ ފައްޓައިގެން އުޅޭ ބަޔެއްގެ އިސްތިހާރު ކޮންމެ ރެއަކު ކަހަލަ ގޮތަކައް ދައްކަމުން އެބަދޭ މީޑިއާ ނެޓް އޭ ކިޔާ ބަޔަކުވެސް ތިޔަ ފެޝަންޓީވީ ދައްކަ ލަދުން ލޯހުޅުވާލަން ނުކެރޭ ވަރުގެ ހެދުންކޮޅު ލައިގެން ދައްކާ ވީމާ މީ ރަނގަޅަކައް ވީކަމެއް ކަމަކައް ވެސް ވެދާނޭ ނޫންތޯ

    2
    1