ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން މަރުވި މީހުންގެ އަދަދު 3405 އަށް އަރައި، މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވި ގައުމަކަށް އިޓަލީވިލާތް ވެއްޖެއެވެ.

ދެންމެ އިޓަލީވިލާތުގެ ސަރުކާރުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު އެކަނިވެސް އެގައުމުން 427 މީހުން މަރުވިއެވެ.

މީގެ ކުރިން ކޮވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައި ވަނީ ޗައިނާ އިންނެވެ. ޗައިނާ އިން މަރުވި މީހުންގެ ޖުމްލަ އަކީ 3245 އެވެ.

މިއަދު އިޓަލީވިލާތުން 5322 މީހަކަށް ކޮވިޑް-19 ޖެހުނެވެ. މިއަދަކީ އެއްދުވަސް ތެރޭގައި އެގައުމުން އެންމެ ގިނަ އަދަދަކަށް ކޮވިޑް-19 އަށް މީހުން ފައްސި (ޕޮޒިޓިވް) ވިދުވަހެވެ.

ބުރާސްފަތި ދުވަހު އިޓަލީވިލާތުން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި އެކު އެގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 41035 އަށް އަރާފައެވެ.

އަދިވެސް އިޓަލީވިލާތުގައި އެންމެ ހާލަތު ގޯހީ ލޮމްބާޑީގައެވެ. މުޅި ގައުމުން މިހާތަނަށް މަރުވި މީހުންގެ ތިންބައިކުޅަ ދެބައި މީހުން މަރުވެފައި ވަނީ ލޮމްބާޑީންނެވެ.

ކޮވިޑް-19 ގެ ފެތުރުން ހުއްޓުވަން އިޓަލީވިލާތް ވަނީ ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. މުޅި ގައުމުގެ 96 އިންސައްތަ ވިޔަފާރި ވަނީ ބަންދުކޮށްފައެވެ. ސްކޫލްތަކާއި އާއްމުން އެއްވެއުޅޭ ހުރިހާ ތަނެއް ވެސް ވަނީ ބަންދުކޮށްފައެވެ.

ނަމަވެސް އިޓަލީވިލާތުގެ މީޑިއާތަކުން ބުނާ ގޮތުގައި ވެސް އަދިވެސް ޗައިނާގެ ވޫހާން ކަރަންޓީން ކުރުމުން ފެނުނު ފަދަ ބަދަލެއް އިޓަލީވިލާތަކުން ނުފެނެއެވެ. ސަބަބަކީ ހުޅަނގުގެ ގައުމުތަކުގައި އޮންނަ ޑިމޮކްރަސީގެ ސަބަބުން ޗައިނާ އިން އެޅިފަދަ ފިޔަވަޅުތަކެއް އެޅެން ނެތުން ކަމަށް ވެސް އިޓަލީވިލާތުގެ މީޑިއާތަކުން ބުނެއެވެ.

ކޮވިޑް-19 ގައި އިޓަލީވިލާތުން މަރުވަމުންދާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން ދަނިކޮށް މިއަދު އިޓަލީވިލާތުގެ ބޮޑުވަޒީރު ގުއިސެޕޭ ކޮންޓޭ ގައުމާއި މުހާތަބު ކުރައްވާ ވިދާޅުވީ އެގައުމުގެ ގާބިލްކަމާއި މެދު އެއްވެސް ކަމެއް އަންޑާއެސްޓިމޭޓް ކޮށްފައި ނޯންނާނެ ކަމަށާއި ގައުމު ތައްޔާރު ވެފައި ވަނީ އެންމެ ގޯސް ހާލަތުގައި ވެސް ކަންތައްތައް ދިމާވުމުން ކަންތައްތައް ކުރާނެ ގޮތައް ކަމަށެވެ.

ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އިޓަލީވިލާތު ސަރުކާރުގެ މަސައްކަތްތައް މާލަސްކަމަށް ބުނެ ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު ވެސް އިޓަލީވިލާތުން ގިނަ އަދަދެއްގެ މީހުން މަރުވުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖޯން

    ތިޔަ އިޓަލީވިލާތަށްވުރެ މި ބަލިކަށި އަޅުގަނޑުމެންގެ ރާއްޖެއިން އަޅާފަވާ ފިޔަވަޅުތައް މާފުރިހަމަ.

    11
    1
    • ދޮންބެ

      ރާއްޖެއިން ކޮން ފިޔަވަޅެއްތޯ އެޅީ؟ ބަލި ހިފައިގެން ބޭރުގައުމުތަކުން ރިސޯޓް ތަކަށް އަންނަމީހުން އަނަވަރުން އަންނަނީ. ދިވެހިން ގޭގަ ބަންދުކުރުމުގެ ކުރިން ވައިރަސް ވަންނަދޮރު ބަންދުކުރަންޖެހޭ.

      8
      5
      • ޒަކް

        ކަނު ބީރު މީހުންނަކަށް ނުފެންނާނެ އަޑެއް ނީވޭނެ... ހައިރާނެއް ނުވޭ

  2. ހުސެން

    ޖާބިރޫ..ކަލޭގެ އިޓަލި އާނޯ އޮއޮތީ ބޮންޖޯރްނޯވެފަ..

    12