ކޮވިޑް-19 އެންމެ ހަލުވިކަމާއި އެކު ފެތުރެމުންދާ އެއް ގައުމު ކަމަށްވާ އީރާންގައި ކޮވިޑް-19 ޖެހިގެން ކޮންމެ 10 މިނެޓަކުން މީހަކު މަރުވަމުންދާ ކަމަށް އީރާންގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ޖެހިގެން އީރާނުން މަރުވި މީހުންގެ އަދަދު 1284 އަށް އަރާފައިވާ ކަމަށް އީރާން ސަރުކާރުން ބުނެއެވެ. ނަމަވެސް އީރާންގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މަރުވި މީހުންގެ އަދަދު އެތައް ހާހަކަށް އަރާނެއެވެ.

އީރާންގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާން ކަނޫޝް ޖަހަންޕޫރް ކުރި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ އެއްގަޑިއިރަކުން 50 މީހުންނަށް އީރާންގައި ކޮވިޑް-19 ޖެހެމުންދާ ކަމަށެވެ. މިހާރު ބަލި ޖެހިފައިވާ މީހުންގެ އަދަދު 18407 އަށް އަރާ ކަމަށް ވެސް އީރާން ސަރުކާރުން ބުނެއެވެ.

މިއަދަކީ އީރާންގެ އާއަހަރު ފެށޭ ދުވަހެވެ. މިއީ އީރާން މީހުން ޝީޢީންގެ ދީނީ މުނާބަސަތެއްގެ ގޮތުގައި ވަރަށް ކުލަގަދަކޮށް ފާހަގަ ކުރާ ދުވަހެކެވެ. ނަމަވެސް އާއަހަރު ފާހަގަ ކުރަން އެއްވެސް ހަރަކާތެއް ކުރިއަށް ގެންގޮސްގެން ނުވާނެކަން އީރާން ސަރުކާރުން ވަނީ މިހާރު އަންގާފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން އީރާން ސަރުކާރުން ވަނީ ދީނީ އެއްވުންތައް ބޭއްވުން މަނާކޮށްފައެވެ. އަދި ސްކޫލްތަކާއި ޔުނިވަސިޓީތައް ބަންދުކޮށް، އެއްވެސް ކުޅިވަރު ހަރަކާތެއް ކުރިއަށް ގެންދިއުން ވެސް ވަނީ މަނާކޮށްފައެވެ.

ކޮވިޑް-19 އީރާންގެ ޖަލުތަކުގައި ފެތުރި އެތައް ބަޔަކު މަރުވެގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައި ވާތީ އީރާނުން މިހާރު ވަނީ 85000 ގައިދީން ވެސް ވަގުތީ ގޮތުން ޖަލުން މިނިވަން ކޮށްފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން އީރާނުން ފިޔަވަޅުތައް އަޅަމުން ގެންދާއިރު އީރާނުން އެގައުމަށް ކުރިން ފެށިގެން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދަތިތައް ކުރިމަތިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ރަޝިއާ އާއި ޗައިނާ އިން ވަނީ އީރާނަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ވެސް ގޮވާލާފައެވެ. ނަމަވެސް އެގޮވާލުމަށް އެމެރިކާ އިން އަދި އެއްވެސް ސަމާލުކަމެއް ދީފައެއް ނުވެއެވެ.

ކޮވިޑް-19 ޖެހޭ ގިނަ މީހުންނަށް ސީރިއަސް މައްސަލަތަކެއް ކުރިމައްޗެއް ނުވެއެވެ. ގިނަ މީހުންނަށް ކޮންމެވެސް ވަރަކަށް ހުން އައިސް ކެއްސުން ފަދަ ކަންތައްތައް ކުރިމަތިވުން ފިޔަވައި އިތުރު ސިއްހީ މައްސަލައެއް ކުރިމައްޗަށް ނުވެއެވެ. ނަމަވެސް އުމުރުން ދުވަސްވީ މީހުންނާއި ސިއްހީ އެކި މައްސަލަތައް ހުންނަ މީހުންގެ ހާލު ދެރަވެ، ފުރާނައަށް ވެސް ނުރައްކާ ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ޔާﷲ މިނުރައްކާތެރި ވަބާއިން ދުނިޔެ ސަލާމަތް ކުރަށްވާނދޭވެ. އާމީން

    70
    2