ހެއިޓީން ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެނިއްޖެކަން އެގައުމުން ކަށަވަރު ކޮށްދީފިއެވެ.

ހެއިޓީގެ ރައީސް ޖޮވެނެލް މޮއިސް ދައުލަތުގެ މީޑިއާ މެދުވެރިކޮށް ގައުމާއި މުހާތަބު ކުރައްވާ ވިދާޅުވީ ހެއިޓީން ދެމީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ ކަމަށާއި، އެހެންކަމުން ބަލި އިތުރަށް ފެތުރިގެން ދިޔަ ނުދިއުމަށް ހަރުދަނާ ފިޔަވަޅުތަކެއް މިހާރު އަޅަމުން ގެންދާ ކަމަށެވެ.

"ފުރަތަމަ ދެ ކޭސް އަޅުގަނޑުމެންގެ ގައުމުން ފެނިއްޖެ. ދެން ކުރިއަށް އޮތީ ވައިރަސް އިތުރަށް ފެތުރިގެން ދިއުން ހުއްޓުވަން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން." ޖޮވެނެލް ވިދާޅުވިއެވެ.

ކެރީބިއަންގައި އޮންނަ އެންމެ ފަގީރު އެއްގައުމު ކަމަށްވާ ހެއިޓީން ކޮވިޑް-19 ފެނުމުން އެގައުމުން މިހާރު ވަނީ ކޮންމެ ރެއަކު 20:00 އިން ފެށިގެން ފަތިހު 05:00 އަށް ކާފިއު އިއުލާން ކޮށްފައެވެ. އަދި އެހެން ގަޑިތަކުގައި ވެސް 10 މީހުންނަށް ވުރެ ގިނައިން އެއްވެސް ތަނަކަށް އެއްވުން ވަނީ މަނާކޮށްފައެވެ.

އަދި ސްކޫލްތަކާއި ޔުނިވަސިޓީތައް ވެސް މިއަދުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތައް ވަނީ ބަންދުކޮށްފައެވެ.

ހެއިޓީގެ ރައީސް ޖޮވެނެލް ވިދާޅުވީ އެގައުމުގެ ބޯޑަރު ވެސް ބަންދު ކުރަން ނިންމާފައިވާ ކަމަށާއި، އަދި އެގައުމަށް ދަތުރުކުރާ ހުރިހާ ކޮމާޝަލް ފްލައިޓެއްގެ ދަތުރުތައް ވެސް ހުއްޓާލަން އަންގާފައި ވާނެ ކަމަށެވެ.

"މިހާލަތުގައި ދިރިއުޅުމަށް ކޮންމެހެން ބޭނުންވާނެ ތަކެއްޗާއި، ސިއްހީ ފަރުވާ އަށް ބޭނުންވާ ތަކެތި އަގުބޮޑު ވިއްކާނަމަ ފިޔަވަޅު އަޅަން ވެސް އަޅުގަނޑު ވާނީ އަންގާފައި." ޖޮވެނެލް ވިދާޅުވިއެވެ.

ފްރާންސާއި އިޓަލީވިލާތުގައި ވެސް ކަންތައްތައް ވަމުންދާ ގޮތައް ބަލާއިރު ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުން އެއީ ކުރަން ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ޖޮވެނެލް ވިދާޅުވިއެވެ.

ހެއިޓީގެ އާބާދީ ތިން މިލިއަނަށް އަރައެވެ. އޭގެތެރޭގައި ގިނައީ ފަގީރުންނެވެ.

ކިޔުންތެރިންގެ ހިޔާލު