މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ސްޕެއިން އިން އިތުރު 171 މީހުން މަރުވެެއްޖެ އެވެ.

އެ ގައުމުން މިހާތަނަށް މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1002 އަށް އަރާފައެވެ.

އެ ގައުމުން އިތުރު 1903 މީހަކު މި ވައިރަސްއަށް ވަނީ ފައްސި (ޕޮޒިޓިވް) ވެފައެވެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 19،980 އަށް އަރާފައެވެ.

އެހެންކަމުން ޗައިނާ އާއި އިޓަލީއަށްފަހު އެންމެ ގިނަ މީހުން ފައްސިވި ގައުމަކަށް ސްޕެއިން ވަނީ ވެފައެވެ.

އެ ގައުމުން ކޮވިޑް-19 ޖެހުނު 939 މީހެެއްގެ ހާލު ސީރިއަސް އެވެ. އަދި ބަލި ޖެހުނު 1588 މީހަކު ވަނީ ރަނގަޅުވެފައެވެ.

ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާގައި މިހާރު ވައިރަސް ވަނީ ކޮންޓްރޯލް ކޮށްފައެވެ. ނަމަވެސް، ޔޫރަޕްގެ ގައުމުތަކުގައި ވައިރަސް ދަނީ ވަރަށް ހަލުވިކަމާއި އެކު ފެތުރެމުންނެވެ.

އަދި ޔޫރަޕްގެ ގިނަ ގައުމުތަކަކުން ދަނީ ގައުމު ފުރަބަންދު (ލޮކްޑައުން) ވެސް ކުރަމުންނެވެ.