ކޮވިޑް-19 އެންމެ ބާރަށް ފެތުރެމުން އަންނަ އިޓަލީވިލާތުގައި މަރުވާ މީހުންގެ އަދަދު ކޮންޓްރޯލް ނުވެ މިއަދު ވެސް އިތުރު 627 މީހުން މަރުވެއްޖެއެވެ. އެހެންކަމުން މިހާތަނަށް އިޓަލީވިލާތުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 4032 އަށް އަރާފައެވެ.

ފާއިތުވި ތިން ދުވަސް ތެރޭގައި އިޓަލީވިލާތުން ވަނީ 1500 މީހުން މަރުވެފައެވެ.

ދެންމެ އިޓަލީވިލާތުން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު އެކަނިވެސް އިޓަލީވިލާތުން އިތުރު 5986 މީހުންނަށް ކޮވިޑް-19 ޖެހުނެވެ. އެހެންކަމުން މިއަދަކީ އިޓަލީވިލާތުން އަނެއްކާވެސް އެއް ދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވެ، އެންމެ ގިނަ މީހުންނަށް ބަލި ޖެހުނު ދުވަހެވެ.

މިހާތަނަށް އިޓަލީވިލާތުން 47021 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. 5129 މީހަކު ބަލިން ރަނގަޅުވިއިރު 2655 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އެބަގެންދެއެވެ.

މިއަދު މިހާތަނަށް 27 ގައުމަކުން 1151 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. އަދި 20969 މީހުން ވަނީ ފައްސިވެފައެވެ. މަރުވި މީހުންނާއި ފައްސިވި މީހުން މިއަދު ގިނަ ނަމަވެސް މީހުން މަރުވި ގައުމުތަކުގެ އަދަދު މިއަދު މަދެވެ. އިއްޔެ 39 ގައުމަކުން މީހުން މަރުވިއެވެ.

ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ނިސްބަތް މިހާރު ވަނީ 4.2 އިންސައްތަ އަށް އުފުލިފައެވެ. ކޮވިޑް-19 ޖެހިގެން ދުނިޔެ އިން މަރުވި މީހުންގެ ތެރެއިން 36.6 އިންސައްތަ މީހުންނަކީ އިޓަލީވިލާތުން މަރުވި މީހުންނެވެ.

މުޅި އިޓަލީވިލާތް ފުރަބަންދު (ލޮކްޑައުން) ކުރި ނަމަވެސް ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ނުވާތީ އިތުރު ފިޔަވަޅުތައް އަޅަން މަޝްވަރާ ކުރަމުން އަންނަ ކަމަށް އިޓަލީވިލާތުގެ އޮފިޝަލުން ވިދާޅުވެއެވެ. އިޓަލީވިލާތް ފުރަބަންދު ކޮށްފައި އޮތް ނަމަވެސް އާއްމުން ގެއިން ނިކުތުން މަނާކޮށްފައެއް ނުވެއެވެ. ހަމައެކަނި މަނާކޮށްފައި އޮންނަނީ އެސިޓީން އަނެއް ސިޓީއަށް ދަތުރު ކުރުމެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މީހުން ގެއިން ނިކުތުން ހުއްޓުވަން އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ބެލެވެއެވެ.

އިޓަލީވިލާތުގެ ބައެއް ތަޖުރިބާކާރުން ގެންދަނީ ހުރިހާ ސަރުކާރު އޮފީހަކާއި އަމިއްލަ އޮފީސްތައް ވެސް ބަންދު ކުރުމަށް އެގައުމުގެ ސަރުކާރަށް ގޮވާލަމުންނެވެ.