ނިމިދިޔަ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ވުހާންގެ މަސްމާރުކޭޓަކުން އެންމެ ފުރަތަމަ ފެނުނު ކޮވިޑް-19 ވައިރަސްގެ ސަބަބުން ސަރުކާރުތަކުން ކަނޑައަޅާފައިވާ ފުރަބަންދު (ލޮކްޑައުން) ދެމި އޮންނާނެ ކަމަށް ބެލެވެނީ 6-10 ވަރަކަށް ހަފްތާ އާއި ދެމެދު ކަމަށް ދުނިޔޭގެ ދެވަނަ އަށް އެންމެ މުއްސަނދި މީހާ އަދި މައިކްރޮސޮފްޓް ކުންފުނީގެ ވެރިޔާ، ބިލް ގޭޓްސް ބުނެފިއެވެ.

އެމެރިކާގެ މަޝްހޫރު ރެޑިޓް ވެބްސައިޓު މެދުވެރިކޮށް އެ ވެބްސައިޓްގެ ޔޫޒަރުން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ބިލް ގޭޓްސް ވިދާޅުވި ގޮތުގައި ސިއްޙީ ގޮތުން އެކުލަވާލާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހުރިހާ ކަމެއް ތަންފީޒު ވެގެން ދާނަމަ، ފުރަބަންދު 10 ހަފްތާ އަށްވުރެ އިތުރަށް ދެމި އޮންނާނެ ކަމަށް އޭނާ ނުދެކޭ ކަމަށެވެ.

"އެ ޤައުމެއްގައި ބަލިމީހުން ޓެސްޓު ކުރުމުގެ ނިޒާމާއި، ފުރަބަންދުގެ ސިޔާސަތުތައް އެކުލެވިފައިވާ ގޮތެއްގެ މައްޗަށް ބަލާފައި، އަހަރެންނަށް ހީވާ ގޮތުން ގިނަ ވެގެން 10-6 ހަފްތާއެއްގެ ތެރޭގައި އެ ޤައުމަކުން ފެންނާނީ ކޮވިޑް-19 ގެ މަދު ކޭހެއް، އަދި އެއާއި ގުޅިގެން ފުރަ ބަންދު ނިމުމަކަށް ގެންނާނެ ކަމަށް ދެކެނީ." ބިލް ގޭޓްސް ވިދާޅުވިއެވެ.

އެމެރިކާގެ ގިނަ ސްޓޭޓުތަކުގެ ސަރުކާރުތަކުން މިހާރު ވަނީ ކޮވިޑް-19 ހުއްޓުވުމަށްޓަކައި ވަރުގަދަ ނިންމުންތަކެއް ނިންމާފައެވެ. އެގޮތުން ކެލިފޯނިއާ ސްޓޭޓުގައި ވަނީ ވަޒީފާ އަށް ނުވަތަ ކޮންމެހެން ބޭރަށް ނިކުންނަން ޖެހޭ ހާލަތެއްގައި މެނުވީ ބޭރަށް ނުނިކުތުމަށް ރައްޔިތުންނަށް އަންގާފައެވެ. މީގެ އިތުރުން ބައެއް ސްޓޭޓުތަކުގައި ކެފޭތަކާއި، ރާބޯތަންތަނުގެ އިތުރުން ކުތުބުޚާނާތަކާއި، އާއްމުން އެއްވެ އުޅޭ ބައެއް ޕާކުތައްވެސް ވަނީ ބަންދުކޮށްފައެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ޝަރަފް އެތައް އަހަރެއް ވަންދެން ހޯދާފައިވާ ބިލް ގޭޓްސް އަކީ ބަލިމީހުންނަށާއި، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގައިވެސް އަރާހުރި ލާމަސީލު ފަރާތެކެވެ. މިފަހަރުވެސް ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު ބަލިމަޑުކަމާއި ގުޅިގެން ބިލް ގޭޓްސްގެ ފައުންޑޭޝަނުން ވަނީ ބައިނަލްއަޤްވާމީ ކޮވިޑް-19 ރެސްޕޯންސް އޮޕަރޭޝަނަށް 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދޭނެ ކަން އިއުލާން ކޮށްފައެވެ.

ބިލް ގޭޓްސް ފައުންޑޭޝަނުން މިހާ ބޮޑު އަދަދެއްގެ އެހީއެއް ދޭން ނިންމާފައި މިވަނީ، މައިކްރޮސޮފްޓް ކުންފުނީގެ ބޯޑުން އޭނާ ވަކިވާން ނިންމާފައިވާކަން މިދިޔަ ހަފްތާގެ ތެރޭގައި ބިލް ގޭޓްސް ހާމަކޮށްފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަކޮށްލެވެއެވެ. އެ ނިންމުމާ ގުޅޭގޮތުން ބިލް ގޭޓްސް ވިދާޅުވީ އޭނާ ބޯޑުން ވަކިވާން ނިންމީވެސް ހިލޭ ސާބަހަށް މަސައްކަތް ކުރުމަށް އެއްކޮށް އޭނާގެ ވަގުތު ހުސްކުރުމަށް ކަމަށެވެ.

ބިލް ގޭޓްސް ވިދާޅުވީ ކޮވިޑް-19 އިން ސަލާމަތްވުމަށްޓަކައި ކޮންމެ މީހަކުވެސް އެމީހެއްގެ މުޖްތަމަޢެއްގައި މި ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި އެކަށައަޅާފައިވާ ޤަވާއިދުތަކާއި އެއްގޮތަށް ޢަމަލުކުރަން ޖެހޭ ކަމަށާއި، ބަލިން ރައްކާތެރިވެވެން އޮތް ގޮތަކީ، އަދި އާއްމު ދިރިއުޅުމައިގެން ކުރިއެކޭ އެއްގޮތަށް ދެވެން އޮތީވެސް އެގޮތަށް ކަންކަން ކުރިއަށް ގެންގޮސްގެން ކަމަށެވެ. "މިއީ ކިތަންމެ ޚުތޫރަތްތެރި ދަނޑިވަޅެއް ނަމަވެސް، އަހަރެމެން ހަމަޖެހިގެން ތިބެން ޖެހޭ،" ބިލް ގޭޓްސް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން ހުޅަނގުގެ ބައެއް ބޮޑެތި ޤައުމުތައްވެސް މިހާރު ދަނީ ސުންނާފަތިވެ، އިނދެ ޖެހެމުންނެވެ. މި ނުރައްކާތެރި ކޮރޯނާ ވައިރަހަށް މިހާތަނަށް އެމެރިކާގެ 19،640 ފައްސިވެފައިވާއިރު، އެޤައުމުގެ 264 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލްޖިބްރާ

    ތިޔަ ބިލްގޭޓްސް އަކީ ވާނެ ކަންތަށްވެސް އެގޭ މީހެއްތަ ؟ ކަލެއަށް ޖެހުނީމާ އަގަބަންދުވެދާނެ !