ދުނިޔޭގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) އަށް ފައްސިވި (ޕޮޒިޓިވްވި) މީހުންގެ އަދަދު 276000 އަށް އަރައިފިއެވެ.

މުޅި ދުނިޔެއަށް ނުރައްކާ ކުރިމަތި ކުރުވަމުންދާ މި ވައިރަސް މިހާތަނަށް ދުނިޔޭގެ 185 ޤައުމަކުން ވަނީ ފެނިފައެވެ. އޭގެތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ. ޤައުމުތަކުން މިހާތަނަށް މި ބައްޔަށް އެތައް ހާސް ބަޔަކު ފައްސިވެފައިވާއިރު، ފަރުވާދެމުން ދަނިކޮށް މަރުވި މީހުންގެ އަދަދު ވަނީ 11400 އަށްވުރެ މައްޗަށް އަރާފައެވެ.

މިއަދު މިހާތަނަށް ދުނިޔޭގެ 6 ޤައުމަކުން 500 އަށްވުރެ ގިނަ މީހުން މި ވައިރަސް އަށް ފައްސިވެފައި ވެއެވެ. އަދި ވައިރަސް ޖެހިގެން މިއަދު މިހާތަނަށް 23 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ ޗައިނާގެ ހަތް މީހަކާއި އެމެރިކާއަށް ނިސްބަތްވާ 8 މީހަކާއި ދެކުނު ކޮރެއާގެ 8 މީހެކެވެ.

ކޮވިޑް-19 އާއި ގުޅޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ވައިރަސް ޖެހިގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން 8000 އާއި ގާތްކުރާ އަދަދަކަށް މީހުންނަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ.

މިހާތަނަށް މި ވައިރަސް އަށް 276113 މީހަކު ފައްސިވެފައި ވާއިރު، ވައިރަސް އިން ސަލާމަތްވި މީހުންގެ އަދަދު އުޅެނީ 91952 ގައެވެ. އަދި މިވަގުތު މި ވައިރަސް ޖެހިގެން ފަރުވާދެމުންދާ މީހުންގެ ޖުމްލަ އަދަދަކީ 172759 އެވެ.

ރާއްޖެއިން މިހާތަނަށް މި ވައިރަސް އަށް 13 މީހަކު ފައްސި ވެފައިވާއިރު އެއީ ބިދޭސީންނެވެ. އޭގެތެރެއިން މިހާތަނަށް ދެ މީހަކު ރަނގަޅުވެފައިވާއިރު 11 މީހަކު ތިބީ ކަރަންޓީނު ފެސިލިޓީގައެވެ. ވައިރަސް ރާއްޖޭގައި ފެތުރިޔަ ނުދިނުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، ރާއްޖޭގައި މިވަގުތު ވަނީ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. އަދި ބޭރުން ރާއްޖޭގެ ރިސޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން އެންމެން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ކުރުމަށް ވަނީ ނިންމާފައެވެ.

ނުރައްކާތެރި "ކޮވިޑް-19" އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ހުއާން ސިޓީގެ މަސް މާރުކޭޓަކުންނެވެ. އެ ސަރަޙައްދުން ވައިރަސް ފެނުނުތާ ގިނަ ދުވަސްތަކެއް ނުވަނީސް ވައިރަސް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވިކަމާއެކު ފެތުރިފައެވެ. އެންމެ ފުރަތަމަ މި ވައިރަސް ފެތުރެން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މި ވައިރަސްގެ ނުރައްކަލާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ ދުނިޔެއަށް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާނުކޮށްފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ވެސް ދުނިޔޭގައި ފެތުރިފައިވާ އެންމެ ނުރައްކާތެރި ވައިރަސް އެވެ.

ކިޔުންތެރިންގެ ހިޔާލު