އެމެރިކާގެ ނައިބު ރައީސް، މައިކް ޕެންސްގެ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.

ޕެންސްގެ އޮފީހުގެ ތަރުޖަމާނު ނެރުނު ނޫސް ބަޔާނެއްގައި މިކަން ހާމަކޮށް ބުނެފައިވަނީ، އެ އޮފީހުގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވި ނަމަވެސް އޭނާ ނައިބު ރައީސް، ޕެންސް އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ވެސް ކައިރިން ބައްދަލު ވެފައި ނުވާ ކަމަށެވެ.

ޕެންސްގެ އޮފީސް މުވައްޒަފަކު ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ހެދި ޓެސްޓުތަކުން، އޭނާ އަށް ބަލި ޖެހިފައިވާކަން އެނގިފައިވަނީ ރޭގެ ވަގުތެއްގައެވެ. ނަމަވެސް އޭނާ އާއި ބެހޭ މަޢުލޫމާތެއް އެ އޮފީހުން ނެރުނު ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ. އޭނާގެ ހަށިގަނޑުން ވައިރަސް ފެނުމާއި ގުޅިގެން، އެމެރިކާގެ "ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން"ގެ އިރުޝާދާއި އެއްގޮތަށް، އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

އެމެރިކާ އަކީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ކޭސްތައް، މުޅި ދުނިޔެ އިންވެސް ހަތަރު ވަނައަށް އެންމެ ގިނަ ޤައުމެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 20193 މީހަކަށް މި ބަލި ޖެހިފައި ވާއިރު، ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ އެކަނިވެސް 800 އަށްވުރެ ގިނަ މީހަކު މި ވައިރަސް އަށް ފައްސި ވެފައި ވެއެވެ.

މިހާތަނަށް އެމެރިކާއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ޖުމްލަ 279 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރެއިން 23 މީހަކު މަރުވެފައިވަނީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައެވެ. އެޤައުމުގައި މި ވައިރަސް ޖެހިގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން 64 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާރަށް ފެތުރެމުންދާ ކޮވިޑް-19 އަށް މިހާތަނަށް މުޅި ދުނިޔެއިން ޖުމްލަ 276714 މީހަކު ފައްސި ވެފައިވާއިރު، ދުނިޔެއިން މަރުވި މީހުންގެ ޖުމްލަ އަދަދު 11421 އަށް އަރައެވެ. މިހާތަނަށް ދުނިޔޭގެ 185 ޤައުމަކުން މި ވައިރަސް ފެނިފައި ވެއެވެ. ސީދާ ފަރުވާއެއް ހޯދިފައި ނުވާ މި ވައިރަސް އިން އަދި ސަލާމަތް ވެފައި ވަނީ 91952 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު