ކޮވިޑް-19 ޖެހިގެން ސްޕެއިން އިން އިތުރު 233 މީހަކު މަރުވެއްޖެއެވެ.

މިއީ ސްޕެއިން އިން 24 ގަޑިއިރުގެ ތެރޭގައި އެހާ ގިނަ ބަޔަކު މަރުވި ފުރަތަމަ ފަހަރެވެ. އަދި މިއީ އިޓަލީއަށް ފަހު، ގައުމަކުން 24 ގަޑިއިރުގެ ތެރޭގައި މިހާ ގިނަ ބަޔަކު މަރުވި ފުރަތަމަ ފަހަރެވެ. ސްޕެއިން އިން މިހާތަނަށް 1,326 ވަނީ މަރުވެފައެވެ.

އަދި މި ބައްޔަށް 3،355 މީހުން ވަނީ ފައްސި (ޕޮޒިޓިވް) ވެފައެވެ. މިހާތަނަށް އެ ގައުމުން 24,926 މީހެއްގެ ގައިން ބަލި ވަނީ ފެނިފައެވެ.

މިހާތަނަށް އައިއިރު، މި ބަލިން 2،125 މީހަކު ވަނީ ރަނގަޅުވެފައެވެ. ބަލި ޖެހިގެން އައިސީޔޫތަކުގައި ފަރުވާދެނީ 939 މީހުންނަށެވެ.

ސްޕެއިން އަކީ ކޮވިޑް-19 އަށް މިހާތަނަށް 3 ވަނަ އަށް އެންމެ ގިނަ މީހުން ފައްސި ވެފައިވާ ގައުމެވެ. މި ބައްޔަށް އެންމެ ގިނަ މީހުން ފައްސި ވެފައިވަނީ ބަލި ފުރަތަމަ ފެތުރެން ފެށި ޗައިނާއިންނެވެ. ދެވަނައަށް އޮތީ އިޓަލީއެވެ.

ކޮވިޑް-19 އަށް އަދި ސީދާ ފަރުވާއެއް ހޯދިފައިނުވާ އިރު، ބައެއް ސައިންސްވެރިން މިހާރު ވަނީ ވެކްސިނެއް އުފައްދައި އެ ޓެސްޓް ކުރަން ފަށައިފައެވެ.

ދުނިޔޭގެ 186 ގައުމަށް މިހާރު ފެތުރިފައިވާ ކޮވިޑް-19 ޖެހޭ ކޮންމެ މީހަކީ މަރުވާ މީހުންނެއް ނޫނެވެ. ރިޕޯޓް ތަކުން ދައްކާ ގޮތުގައި މި ބަލި ޖެހިގެން އެންމެ ގިނައިން މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހުންގެ އިތުރުން އެކި ހާލަތްތަކާއި ގުޅިގެން ދާއިމަށް ބޭސް ކާ މީހުންނެވެ.