ކޮވިޑް-19 ފެތުރެމުން އަންނާތީ ބެންކޮކްގެ ޝޮޕިން މޯލްތަކާއި މާރުކޭޓުތައް ބަންދު ކުރަން ނިންމައިފިއެވެ.

އެގައުމުގެ މޯލްތަކުގެ އިތުރުން މާކެޓްތައް ބަންދު ކުރުމަށް ނިންމާފައިވަނީ މާދަމާއިން ފެށިގެން 3 ހަފްތާގެ މުއްދަތަކަށެވެ. މިގޮތަށް މޯލްތައް ބަންދު ކުރުމަށް ނިންމި ކަމުގައި ވީނަމަވެސް އެގައުމުގެ ރައްޔިތުންނަށް މަގުތަކަށް ނިކުމެ އުޅެވޭނެއެވެ.

ބެންކޮކްގައި ކޮވިޑް-19 ފެތުރިފައިވީ ނަމަވެސް އެގައުމުގެ ސަރުކާރުން އަދި އެގައުމު ލޮކް ޑައުން ކުރުމަށް ނިންމާފައެއް ނުވެއެވެ. އެހެން ނަމަވެސް މިއަދު އަޅާފައިވާ މި ފިޔަވަޅާއެކު، ވަރަށް އަވަހަށް އެޤައުމުގެ ބައެއް ހިސާބުތައްވެސް ލޮކް ޑައުން ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.

ކޮވިޑް-19 ފެތުރެން ފަށާފައިވާތީ އެގައުމުގެ ސަރުކާރުން ނިންމާފައިވަނީ ރެސްޓޯރެންޓްތަކާއި ހޮޓާތަކަށް ހަމަ އެކަނި ޑެލިވަރީ ކުރެވޭ ގޮތަށް ހުޅުވާފައި ބެހެއްޓުމަށެވެ. މިފަދަ ފިޔަވަޅުތަކެއް އަޅާފައިވަނީ އެގައުމުން މިއަދު ކޮވިޑް-19 އަށް 89 މީހަކު ފައްސި ވުމާއި ގުޅިގެންނެވެ.

މިއަދު އެގައުމުން 89 ފައްސި ވުމާއެކު މިހާތަނަށް އެގައުމުން ފައްސިވި މީހުންގެ އަދަދު ވަނީ 411 އަށް އަރާފައެވެ. އަދި އެ ބަލި ޖެހިގެން އެގައުމުން މިހާތަކަށް އެކަކު ވަނީ މަރުވެފައެވެ.

ޗައިނާގެ ވުހާން ސިޓީން ފުރަތަމަ ފެތުރެން ފެށި ކޮވިޑް-19 ދުނިޔޭގެ 186 ގައުމަކަށް ފެތުރިފައިވާއިރު މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 2 ލައްކައަށްވުރެ މަތިވެފައެވެ. އަދި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 11،889 އަށް އަރާފައެވެ.

ނޭވާލާ ނިޒާމު ދެރަކޮށްލާ މި ބަލި ޖެހޭ ކޮންމެ މީހަކީ މަރުވާ މީހުންނެއް ނޫނެވެ. މި ބަލި ޖެހިގެން މިހާތަނަށް 93،602 މީހަކު ރަނގަޅުވެފައިވާއިރު މި ބަލި ޖެހިގެން އެންމެ ގިނައިން މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހުންގެ އިތުރުން އެކި ބަލި ތަކަށް ދާއިމީ ގޮތެއްގައި ބޭސް ބޭނުންކުރާ މީހުން ކަމަށް ވެއެވެ.