ޔުގެންޑާއިން ފުރަތަމަ ފަހަރަށް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ޔުގެންޑާގެ ހެލްތު މިނިސްޓްރ ޑރ.ރުތު ޖޭން ވިދާޅުވީ އެގައުމުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 36 އަހަރުގެ ފިރިހެނެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ގައުމުން ވެސް މިވަނީ ކޮވިޑް-19 ފެނިފައި. ފުރަތަމަ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައި ވަނީ ޔުގެންޑާ ރައްޔިތެއް އެއީ 36 އަހަރުގެ ފިރިހެނެއް. އޭނާ އަކީ ހޮނިހިރު ދުވަހު ދުބާއީ އިން ޔުގެންޑާ އަށް އައި މީހެއް." ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

އިއޯޕިއަން އެއާލައިންގެ ފްލައިޓެއްގައި ޔުގެންޑާ އަށް އެމީހާ ދުބާއީ އަށް ދިޔައީ މިމަހުގެ 17 ވަނަ ދުވަހު އެވެ. ވިޔަފާރި ދަތުރެއްގައި އޭނާ ހަތަރު ދުވަހު ދުބާއީގައި މަޑުކުރިއެވެ.

ޔުގެންޑާގެ ހެލްތު މިނިސްޓަރ ވިދާޅުވީ ކޮވިޑް-19 އަށް ފައްސިވި މީހާ މިހާރު ހުރީ އެކަހެރި ކޮށްފައި ކަމަށާއި، އޭނާގެ ހާލު ސްޓޭބަލް ކަމަށެވެ.

ކޮވިޑް-19 އަށް ފައްސިވި މީހުންގެ އިތުރުން އޭނާ އާއި އެކު އެއް ފްލައިޓެއްގައި ދަތުރު ކުރި މީހުން ވެސް މިހާރު ވަނީ ކަރަންޓީން ކޮށްފައެވެ.

އެފްރިކާގެ ސަބް ސަހަރާ ގައުމެއް ކަމަށްވާ ޔުގެންޑާގައި ކޮވިޑް-19 ފެތުރިގެން ހިނގައްޖެނަމަ ކޮންޓްރޯލް ކުރަން ގިނަ ދަތިތަކެއް ދިމާވާނެއެވެ. ސަބަބަކީ އެއީ ވެސް އެކަށީގެންވާ ސިއްހީ ޚިދުމަތެއް ލިބެން ނެތް ގައުމަކަށް ވާތީއެވެ. އެގައުމުގެ އާބާދީގެ 37 އިންސައްތަ މީހުންނަކީ ދުވާލަކަށް އެންމެ ޑޮލަރެއްގެ އާމްދަނީ ވެސް ނުލިބޭ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު