ލަންޑަން، އިނގިރޭސިވިލާތް: ދުނިޔެއިން މުޅިން އަލަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ވޫހާން އިން ފެނުނު ކޮވިޑް-19 ވައިރަހުގެ ސަބަބުން އިޓަލީވިލާތުގެ ސިއްޙީ ނިޒާމް ބޮއްސުންލައިގެން ދިޔަ ގޮތަށް އިނގިރޭސި ސިއްހީ ނިޒާމް ވެސް ބޮއްސުންލައިގެން ހިނގައިދާނެ ކަމަށް ބޮޑުވަޒީރު، ބޮރިސް ޖޯންސަން ވިދާޅުވެެއްޖެއެވެ.

ކޮވިޑް-19 ވައިރަހުގެ އަސަރު އެންމެ ފުރަތަމަ ކުރި ޗައިނާ ގައި މިހާރު މި ބަލި ކޮންޓްރޯލް ކުރެވި، މަރުވާ މީހުން ބޮޑު ތަނުން މަދުވެފައިވާއިރު، މިހާރު އެންމެ ގެއްލުން ބޮޑު ގޮތެއްގައި ވައިރަސް ހަލުވި ދުވެއްޔެއްގައި ފެތުރެމުން ދަނީ އިޓަލީވިލާތް، ފަރަންސޭސިވިލާތް އަދި ސްޕެއިން އާއި އިނގިރޭސިލިވިލާތް ފަދަ ޔޫރަޕް ޤައުމުތަކުގައެވެ.

މީޑިއާތަކަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އިނގިރޭސި ބޮޑުވަޒީރު، ބޮރިސް ވަނީ މިދަނޑިވަޅުގައި ރައްޔިތުން ވީހާވެސް ބޮޑަށް އެކަތިގަނޑަކަށް ވުމަށް އިލްތިމާސް ކޮށްފައެވެ. އަދި ސަރުކާރުން މި ނުރައްކާތެރި ވައިރަހާއި ގުޅިގެން ކަނޑައަޅާފައިވާ ފުރަބަންދުގެ ޤަވާއިދުތަކާއި އެއްގޮތަށް އެންމެންވެސް ޢަމަލުކުރަން އެދިފައެވެ.

ބޮރިސް ވިދާޅުވި ގޮތުގައި އިނގިރޭސި ސަރުކާރުގެ ފަރާތުން ރައްޔިތުންނަށްޓަކައި ކުރިއަށް ގެންދާ ސިއްޙީ ސްކީމު، 'ބްރިޓިޝް ނެޝަނަލް ހެލްތް ސަރވިސް' ބޮއްސުންލައިގެން ދިޔުމުގެ ފުރުސަތު ވަރަށް ބޮޑުވެފައިވާ ކަމަށެވެ.

"ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އަހަރެމެން އެންމެން އެކައްޗަކަށް ވެގެން މި ވައިރަސް ހުއްޓުވުމަށް ފަރުދީ ގޮތުންނާއި އިޖުތިމާޢީ ގޮތުންވެސް ޤައުމަށްޓަކައި ޤުރުބާން ވާން ޖެހޭ. އެހެންނޫނީ އަހަރުމެންގެ ސިއްޙީ ނިޒާމް، އެން.އެޗް.އެސް އަށް އިޓަލީވިލާތުގައި ދިމާވި ފަދަ ގޮތެއް ވުމަކީ ވަރަށް އެކަށީގެންވާ ކަމެއް."

"އިޓަލީވިލާތަކީ ޒަމާނީ އެންމެ ފެންވަރު ރަނގަޅު ސިއްހީ ނިޒާމެއް އޮތް ޤައުމެއް. އެހެން ނަމަވެސް، އެމީހުންގެ ޑޮކްޓަރުންނާއި، ނަރުހުންނަށްވެސް މިހާރު ދިމާވެފައިވާ ސިއްޙީ ބަލިމަޑުކަމާއި ހެދި ގިނަ އަދަދެއްގެ ބަލިމީހުންނަށް ފަރުވާ ނުދެވި، ސިއްހީ ނިޒާމް އެއްކޮށް ގަޑުބަޑުވެފައި." ބޮރިސް ވިދާޅުވިއެވެ.

އެން.އެޗް.އެސް ގެ ފަރާތުން ވަނީ 1.5 މިލިއަނެއްހާ އިނގިރޭސި ރައްޔިތުންނަކީ ކޮވިޑް-19 ބައްޔަށް ވަރަށް ނާޒުކު ބައެއް ކަމަށް ކަނޑައަޅާފައެވެ. މި ފަރާތްތައް އެއްވެސް ގޮތަކަށް ގެއިން ބޭރަށް ނިކުމެ ނޫޅުމަށް އިނގިރޭސި ސަރުކާރުން ދަނީ މެދުކެނޑުމެއްނެތި ރައްޔިތުންނަށް އިލްތިމާސް ކުރަމުންނެވެ.

ކޮވިޑް-19 ވައިރަސް މިހާރު ދުނިޔޭގެ 188 ޤައުމަކުން ފެނިފައިވާއިރު، މި ވައިރަހާއި ގުޅިގެން ހޮނިހިރު ދުވަހު އިޓަލީގައި ވަނީ މަރުވި މީހުންގެ އަދަދު 4،800 އަށްވުރެ މައްޗަށް އަރާފައެވެ. އިއްޔެ އާއި ހަމަޔަށް އިނގިރޭސިވިލާތުން މަރުވެފައިވަނީ 233 މީހުންނެވެ. އެޤައުމުން މިހާތަނަށް ފައްސިވި މީހުންގެ އަދަދު 5،000 އަށްވުރެ މައްޗަށް އަރައެވެ.