ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ގެ އެންމެ ބޮޑަށް އަސަރު ކުރި އެއް ގައުމު ކަމުގައިވާ ޖަޕާނުން މި ބަލިން އަރައި ނުގަނެވިގެން އުޅެނިކޮށް ސުކޫލުތައް ހުޅުވުމަށް މަޝްވަރާކުރަން ފަށައިފިއެވެ.

އޭޝިއާ ގައުމުތަކުގެ ތެރެއިން ޗައިނާ ފިޔަވައި އެންމެ ބޮޑަށް ކޮވިޑް-19 ފެތުރިގެން ދިޔައީ ޖަޕާނުގައެވެ. ނަމަވެސް ޖަޕާނުން އަންނަނީ ޑޮކްޓަރުންނާއި ސިއްހީ ހިތުމަތްތެރިންގެ ލަފަޔާއި އިރުޝާދާ ދެކޮޅަށް އަންނަ މަހު ސުކޫލުތައް ހުޅުވުމަށް މަޝްވަރާ ކުރަމުންނެވެ.

ޖަޕާނުގެ އެޑިއުކޭޝަން މިނިސްޓަރު ސުކޫލުތައް ބަންދު ކުރުމުގެ މުއްދަތު އިތުރު ނުކުރެވޭނެ ކަމަށް ބުނެފައެވެ.

ދުނިޔޭގެ 188 ގައުމަކުން ކޮވިޑް-19 ފެނިފައިވާ އިރު، މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 308،473 އަށް އަރައިފައެވެ. މި ބަލީގައި މަރުވި މީހުންގެ އަދަދު 13،00 އަށް ވުރެ މައްޗަށް އަރާފައިވާ އިރު، މި ބަލިން ރަނގަޅު ކުރެވިފައިވަނީ 95،000 އަށް ވުރެ ގިނަ މީހުންނެވެ.

ޖަޕާންގައި މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1,054 އަށް އަރައިފައެވެ. މި ބަލީގައި 36 މީހުން މަރުވި އިރު، ރަނގަޅުވެފައި ވަނީ 215 މީހުންނެވެ.

މި ބަލިން ސަލާމަތްވުމަށް ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާއިންވަނީ އެއްވެ ނޫޅުމަށް އަންގާފައެވެ. މި ބަލި ހަލުވި ކަމާއިއެކު ފެތުރެމުންދާ ގައުމުތައް ވަނީ ފުރަބަންދުކޮށްފައެވެ.

މި ބަލި މިހާރު އެންމެ ހަލުވި ކަމާއިއެކު ފެތުރެމުންދަނީ އިޓަލީ ވިލާތާއި އެމެރިކާގައެވެ.

އިއްޔެ އެކަނިވެސް އިޓަލީގައި ވަނީ 627 މީހުން މަރުވެފައެވެ. މިއީ ވައިރަސް ފެތުރެން ފެށި ފަހުން މުޅި ދުނިޔެ އިންވެސް އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ދުވަހެވެ. އިޓަލީގައި ޖުމްލަ 4000 އަށް ވުރެން ގިނަ މީހުން މަރުވެފައިވާއިރު ފައްސިވި މީހުންގެ އަދަދު 50،000 އާއި ގާތް ކުރެއެވެ.