ދުނިޔޭގެ ގިނަ ގައުމުތަކަށް މިހާރު ފެތުރިފައިވާ ކޮވިޑް-19 ޖެހިގެން ފްރާންސްގެ ޑޮކްޓަރަކު މަރުވެއްޖެއެވެ.

ކޮވިޑް-19 ޖެހިގެން ޑޮކްޓަރަކު މަރުވެފައިވާ ކަން އެގައުމުގެ ހެލްތް މިނިސްޓަރު އޮލިވިއާ ވެރަން ވަނީ ކަށަވަރު ކޮށްދީފައެވެ. އަދި އައީ އެ ވައިރަސް ޖެހިގެން އެގައުމުން މަރުވި ފުރަތަމަ ޑޮކްޓަރު ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ވައިރަސް ޖެހިގެން މަރުވެފައިވާ ޑޮކްޓަރުގެ އިތުރު އެއްވެސް މައުލޫމާތެއް އަދި ހިއްސާ ކޮށްފައެވެ.

"މިއީ މިހާތަނަށް އެނގިފައި އޮތްގޮތުން ވައިރަސް އަށް ފައްސި ވެގެން މިގައުމުން ޑޮކްޓަރަކު މަރުވި ފުރަތަމަ ފަހަރު" އޮލިވިއާ ވިދާޅުވެފައި ވެއެވެ.

ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނާތީ އެގައުމުގެ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން މެޑިކަލް ޕްރޮފެޝަނަލުން އަންނަނީ ވައިރަސް ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ރެޔާއި ދުވާލު ހިދުމަތް ކުރަމުންނެވެ.

ޗައިނާގެ ވުހާން ސިޓީން ފުރަތަމަ ފެތުރެން ފެށި ކޮވިޑް-19 ޖެހިގެން ފްރާންސް އިން މިހާތަނަށް 14،459 މީހަކު ވަނީ ރިޕޯޓް ކޮށްފައެވެ. އަދި މިހާތަނަށް އެގައުމުން ވަނީ 562 މީހަކު މަރުވެފައެވެ. އެގައުމުން މި ބަލިޖެހިގެން މިހާތަނަށް 1،587 މީހަކު ރަނގަޅުވެފައިވާއިރު އައިސީޔޫގައި 1،525 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް-19 ޖެހޭ ކޮންމެ މީހަކީ މަރުވާ މީހެއް ނޫނެވެ. ދުނިޔޭގެ 188 ގައުމަކުން 3 ލައްކައަށް ވުރެ ގިނަ މީހުން މި ބަލި ޖެހިފައިވާއިރު މިހާތަނަށް 13،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ރިޕޯޓްތައް ބުނާގޮތުން މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހުންނާއި ދާއިމަށް ބޭސްކާ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އިންސާނުން އެހާ މޮޅުވެފަ ބާރު ހުރިނަމަ ޑޮކުންނަށް އެމީހުންގެ އަމިއްލަ ފުރާނަ ސަލާމަތް ނުކުރެވެނީ ކީއްވެ ނިންމެވުމަކީ ﷲ ނިންމަވާ ކަމެއް

    22