ބައިނަލްއަޤްވާމީ ވައިގެ ދަތުރުގެ ސިނާޢަތުގައި ހިންގަމުން އަންނަ އެންމެ ކަސްޓަމަރުން ގިނަ، އަދި ޙިދުމަތުގެ ފެންވަރު ރަނގަޅު އެއާލައިން ކަމަށްވާ އެމިރޭޓްސް އެއާލައިނުން އެ އެއާލައިނުގެ ފަސިންޖަރ ދަތުރުތައް ވަގުތީގޮތުން ހުއްޓާލުމަށް ނިންމައިފިއެވެ.

ދަތުރުތައް ހުއްޓާލަން ނިންމުމާ ގުޅޭގޮތުން އެ އެއާލައިން (އެމިރޭޓްސް ގްރޫޕް) ގެ ރަސްމީ މީސްމީޑިއާ އެކައުންޓްތައް މެދުވެރިކޮށް އާއްމުކޮށްފައިވާ ގޮތުން، 25 މާޗުން ފެށިގެން އެއާލައިނުގެ ހުރިހާ ފަސިންޖަރ ފްލައިޓު ދަތުރުތައް ހުއްޓާލުމަށް ނިންމީ ކޮވިޑް-19 ގެ ސަބަބުން ވައިގެ ދަތުރުތަކަށް އޮންނަ ޑިމާންޑު ބޮޑު ތަނުން ދަށްވެފައިވާތީ ކަމަށެވެ.

ދަތުރުތަކުގެ ޑިމާންޑު ދަށްވުމާއި، ޤައުމުތަކުގެ ބޯޑަރުތަކާއި، ދަތުރުފަތުރު ކުރުން މަނާކުރުމާއި، ޤައުމުތައް "ފުރަބަންދު" ކޮށްފައިވާ މި ދަނޑިވަޅުގައި މިއީ ކޮންމެހެން ނިންމަން ޖެހުނު ނިންމުމެއް ކަމަށް އެމިރޭޓްސް ގްރޫޕް އިން ބުނެއެވެ.

"މިއީ ނިންމަން ވަރަށް އުނދަގޫވި، އެހެނަސް މި ދަނޑިވަޅަށް ކޮންމެހެން ނިންމަން ޖެހުނު ނިންމުމެއް. މިހާރު ފެތުރިގެން މިއުޅޭ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ސިނާޢަތަށް އޮންނަ ޑިމާންޑު ވަނީ ވަރަށް ބޮޑު ތަނުން ދަށްވެފައި." އެއާލައިން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމި ނިންމުމާ ގުޅިގެން އެމިރޭޓްސް އިން ބުނެފައިވެއެވެ.

ދުނިޔޭގެ 159 މަންޒިލަކަށް ދަތުރުކުރަމުން އަންނަ، 260 އަށްވުރެ ގިނަ ފްލަައިޓުތައް އޮޕަރޭޓް ކުރަމުން އަންނަ އެމިރޭޓްސް އިން އެ އެއާލައިނުގެ ފަސިންޖަރުންގެ ފްލައިޓު ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލުމަށް ނިންމާފައި ވިއަސް، އެއާލައިނުގެ ކާގޯ އޮޕަރޭޝަންސް (ސްކައި ކާގޯ) ޙިދުމަތް މިހާރެކޭ އެއްގޮތަށް މެދުކެނޑުމެއްނެތި ކުރަމުން ދާނެ ކަމަށްވެސް އެމިރޭޓްސް އިން ބުނެފައިވެއެވެ.

ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހުގެ ސަބަބުން ދުނިޔޭގެ މައިގަނޑު ހުރިހާ ސިނާޢަތްތަކާއި، އެ ސިނާޢަތްތަކާއި ގުޅޭ އެހެނިހެން ދާއިރާތަކެއްވެސް މިހާރު އޮތީ ގާތްގަނޑަކަށް ހުއްޓުމެއްގެ ތެރޭގައެވެ. ސަރުކާރު އޮފީސް ތަކާއި، ކެފޭތަކާއި، ބޭންކިންގ، ފަތުރުވެރިކަން، ކުޅިވަރުގެ ދާއިރާ، އަދި މީގެ އިތުރުންވެސް ގިނަ ދާއިރާތައް އޮތީ ހުއްޓިފައެވެ.

އެމިރޭޓްސް އިން ބުނީ އެއާލައިނުން މި އުނދަގޫ ދަނޑިވަޅުގައިވެސް އެއްވެސް މުވައްފަކު ވަޒީފާއިން ވަކި ނުކޮށް، ހުރިހާ މުވައްޒަފުންގެ ވަޒީފާތައް ޔަޤީން ކޮށްދިނުމަށް އިސްކަން ދޭނެ ކަމަށެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ހިނގަމުންދާ ކަންތައްތައް ރަނގަޅަށް ބަލަމުންދާާނެ ކަމަށާއި، ހާލަތު ތަންދިންހާ އަވަސްް މުސްތަޤްބަލެއްގައި ދަތުރުތައް އަލުން ފަށާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު