އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް ނުވަތަ މަތިގެ ކަމަށްވާ ސެނެޓްގެ މެންބަރަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ރޭންޑް ޕޯލް އެވެ. އޭނާ އަކީ ކެންޓަކީ ތަމްސީލް ކުރާ މެންބަރެވެ.

ޕޯލްގެ ތަރުޖަމާން ނެރުނު ބަޔާނެއްގައި ވިދާޅުވީ ކޮވިޑް-19 އަށް ފައްސިވި ނަމަވެސް ޕޯލްގެ ހާލު ރަނގަޅު ކަމަށެވެ.

"ޕޯލް ކޮވިޑް-19 އަށް ޓެސްޓް ކުރީ ދާދިފަހުން އޭނާ ކުރި ދަތުރުތަކަށް ބަލާފައި. ބަލީގެ އަލާމާތްތައް ފެނުމުން ޓެސްޓް ކުރީ ބަލި ޖެހިފައި ހުރެދާނެ ކަމަށް ބެލެވިގެން. ޕޯލްއަށް ބަލި ޖެހުނީ ކާކުގެ ގައިން ކަމެއް ނޭނގޭ. ކޮވިޑް-19 ޖެހިފައި ހުރިކަން ކަށަވަރުވާ މީހަކާއި އޭނާ ބައްދަލުކޮށްފައެއް ނުވޭ. ޕޯލްގެ ހާލު މިވަގުތު ރަނގަޅު. އޭނާ ހުރީ ކަރަންޓީންގައި." ބަޔާނުގައި ބުނެފައި ވެއެވެ.

ކޮވިޑް-19 އެމެރިކާގެ ސެނެޓް މެންބަރަކަށް ޖެހުނު އިރު އެމެރިކާގެ ރިޔާސީ ގަނޑުވަރު ކަމަށްވާ ވައިޓް ހައުސްގެ މުވައްޒަފަކަށް ވެސް މިހަފްތާގައި ވަނީ ބަލި ޖެހިފައެވެ.

ކޮވިޑް-19 ޖެހިފައިވާ ބައެއް ފަރާތްތަކާއި ބައްދަލު ވެފައި ވާތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނައިބު ރައީސް މައިކް ޕެންޗް މީގެ ކުރިން ވަނީ ކޮވިޑް-19 އަށް ޓެސްޓް ކޮށްފައެވެ. ނަމަވެސް އެއިން އެއްވެސް މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެއް ނުވެއެވެ.

އެމެރިކާ އިން މިއަދު އެކަނި ވެސް 14000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އަދި 98 މީހަކު މިއަދު އެކަނި ވެސް މަރުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު