ކޮވިޑް-19 ޖެހިގެން މިސްރު އަސްކަރިއްޔާގެ އިސް ބޭފުޅަކު އަވަހާރަވެއްޖެއެވެ.

އަވަހާރަވެފައި ވަނީ އެ ގައުމުގެ އަސްކަރިއްޔާގެ ޑައިރެކްޓަރ އޮފް ވޯޓާ އެޑްމިނިސްޓްރޭޝަ މޭޖާރ ޖެނެރަލް ޚާލިދް ޝަލްޓައުޓް އެވެ.

އޭނާ އަވަހާރަވިކަން މިރޭގެ ވަގުތެއްގައި އެ ގައުމުގެ އަސްކަރިޔާއިން ވަނީ ހާމަކޮށްފައެވެ.

މިސްރުގައި ވެސް މިހާރު ހަލުވިކަމާއި އެކު ކޮވިޑް-19 އަންނަނީ ފެތުރެމުންނެވެ. އާދީއްތަ ދުވަހު އެކަނި ވެސް 33 މީހަކު މިސްރުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވިއެވެ. މިހާތަނަށް މިސްރުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 327 އަށް އަރައެވެ.

މިސްރުން ބަލި ޖެހުނު މީހުންގެ ތެރެއިން 15 މީހަކު މިހާތަނަށް ވަނީ ބަލިން ރަނގަޅު ވުމުން ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން މިސްރުން ވެސް މީގެ ކުރިން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ރެސްޓޯރެންޓްތަކާއި، ރީޓެލް ފިހާރަތަކާއި، ކެފޭތަކާއި، ކެފެޓީރިއާތަކާއި، ނައިޓް ކްލަބްތަކާއި، ޕާކްތަކާއި، ކެސީނޯތަކާއި، ޝޮޕިން ސެންޓަރުތައް ރޭގަނޑު 19:00 އިން ފެށިގެން ހެނދުނު 06:00 އަށް ބަންދުކޮށްފައި ބަހައްޓަން ވަނީ އަންގާފައެވެ.

އަދި އިންޓަނޭޝަނަލް ހުރިހާ ފްލައިޓެއް ސަސްޕެންޑްކޮށް، އެގައުމުގެ އެތެރޭގައި ވެސް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ވަނީ މަނާކޮށްފައެވެ. ހުރިހާ ސްކޫލަކާއި، ޔުނިވަސިޓީތަކެއް ވެސް ވަނީ ބަންދުކޮށްފައެވެ.

ނަމަވެސް މިސްރު ސަރުކާރުން ބުނާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އެތައް ބަޔަކަށް ކޮވިޑް-19 ޖެހުމުގެ ބިރު އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު