އީރާންގައި ފެތުރެމުންދާ ކޮވިޑް-19 އަކީ އެމެރިކާ އުފެއްދި މާނުރައްކާތެރި ވާޝަންއެއްގެ ވައިރަސްއެއް ކަމަށް އީރާންގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވެއްޖެއެވެ.

އީރާންގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާން މިހެން ވިދާޅުވިއިރު އީރާންގެ ސްޕްރިން ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވެސް ވަނީ ކޮވިޑް-19 އަކީ އެމެރިކާ އިން އުފެއްދި ވައިރަސް އެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

އީރާންގެ އާއަހަރު ފާހަގަ ކުރުމުގެ ގޮތުން ޚާމަނާއީ ދެއްވި ތަޤުރީރެއްގައި ޚާމަނާއީ ވަނީ ކޮވިޑް-19 އާއި ގުޅިގެން އީރާނަށް އެހީވާން އެމެރިކާ އިން ހުށަހަޅާފައި އޮތް ހުށަހެޅުން ވެސް ގަބޫލު ނުކުރާނެ ކަން އިއުލާން ކުރައްވާފައެވެ.

ކޮވިޑް-19 އީރާންގެ 21600 އަށް ވުރެ ގިނަ މީހުންނަށް މިހާރު ޖެހިއްޖެއެވެ. އަދި މިހާތަނަށް އެގައުމުން 1685 މީހުން ވަނީ މަރުވެފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި އީރާންގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދާއި މަރުވި މީހުންގެ އަދަދު މިއަށްވުރެ އެތައް ގުނައެއް އިތުރުވާނެއެވެ.

"އެމެރިކާގެ ލީޑަރުން އެބަ ބުނޭ ކޮވިޑް-19 އާއި ގުޅިގެން އީރާން މީހުންނަށް ފަރުވާ ދިނުމަށާއި، ސިއްހީ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ކަމަށް. އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ކަލޭމެންގެ އަތުގައި ފަރުވާއެއް އޮތްނަމަ ފުރަތަމަ ކަލޭމެންގެ މީހުންނަށް ފަރުވާ ކުރާށޭ. އަހަރެމެން ތި ފަރުވާއެއް ބޭނުމެއް ނޫން." ޚާމަނާއީ ވިދާޅުވިއެވެ.

ކޮވިޑް-19 އަކީ ލެބޯޓްރީއެއްގައި އުފައްދާފައިވާ ވައިރަސް އެއް ކަމަށް ބައެއް އެހެން ފަރާތްތަކުން ވެސް ތުހުމަތު ކޮށްފައި ވެއެވެ. ވައިރަސް އުފެއްދީ ޗައިނާ އިން ކަމަށް އެމެރިކާގެ ސީނިއާ ބައެއް އޮފިޝަލުން ތުހުމަތު ކޮށްފައި ވެއެވެ. އަދި ވައިރަސް އުފެއްދީ އެމެރިކާ އިން ކަމަށް ޗައިނާގެ ބައެއް ސީނިއާ އޮފިޝަލުން ވެސް ތުހުމަތު ކޮށްފައި ވެއެވެ.

ނަމަވެސް އިތުބާރު ކުރެވޭ ސައިންސްވެރިން ބުނާ ގޮތުގައި ކޮވިޑް-19 އަކީ ލެބޯޓްރީއެއްގައި އުފެއްދި ވައިރަސް އެއް ކަމަށް ބުނެ ދައްކަނީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫނެވެ. އެވައިރަސް އަކީ ލެބޯޓްރީއެއްގައި އުފެއްދި ވައިރަސްއެއް ކަމަށް ބުނެ ދެއްކޭނެ އެއްވެސް ހެއްކެތް ނެތް ކަމަށް ވެސް ސައިންސްވެރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގެރިކުޑޭ

    އެމެރިކާއިން ކޮންމެކަމެއްވެސް ކޮށްފާނެ! މިގައުމުގެ ބައެއް "ބުއްޅަބޭ" އިންވެސް މިއޮތީ ވެރިކަން ހޯދަން އިންޑިޔާ ފައިބުޑަށްވެއްޓިފަ!

    43
    7
  2. ތިވާރީ

    އީރާނާ ކުޅިނު ކުޅެވިގެން އެމަރި ކާ އުޅޭތާ 40 އަހަރު. 1979 ކުންފެއްޓިގެން އީރާނައް ދަތި ކުރުމުގެފިޔަވަޅުއަޅާ 8އަހަރު ބޮޑު ހަނގުރާމައެއް އިރާގާ ކޮއް ބައިލޮޖި ކަލް ވެޕަން އިން ހަމަލާ ކުރި އިރުވެސް އީރާނެއް ފަނާނުވި..އެމަރި ކާ ވަރުބަލިވެއްޖެ..

    32
    3