ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ސައުދީ އަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒް މުޅި ގައުމުގައި ކާފިއު އިއުލާން ކުރައްވައިފިއެވެ.
ޝާހީ ކޯޓުން ނެރުނު އަމުރެއްގައި ވަނީ ރަޖަބް މަހުގެ 28 (މާޗް 23) ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް 21 ދުވަހުގެ މުއްދަތައް ސައުދީ އަރަބިއްޔާގައި ކާފިއު އިއުލާން ކުރާ ކަމަށެވެ. ކާފިއު އިއުލާން ކޮށްފައި އޮންނާނީ ކޮންމެ ދުވަހެއްގެ އިރުއޮއްސި 19:00 އިން ފެށިގެން ހެނދުނު 06:00 އާއި ހަމައަށެވެ.
ކާފިއު އިއުލާން ކޮށްފައި އޮންނަ ވަގުތުތަކުގައި އެއްވެސް މީހަކު ގެއިން ނިކުތުމަކީ މަނާކަމެއް ކަމަށް ސައުދީ އަރަބިއްޔާގެ ޝާހީ އެންގުމުގައި ވެއެވެ.
ސައުދީ އަރަބިއްޔާގެ އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ކާފިއު އިއުލާން ކުރުމުގެ އަމުރު ތަންފީޒު ކުރުމަށް ސިފައިންނާއި ސިވިލް މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށެވެ. އެއްވެސް މީހަކު ކާފިއު އާއި ހިލާފު ވެއްޖެނަމަ އެމީހަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އިންޓީރިއާ މިނިސްޓްރީން ވިދާޅުވިއެވެ.
ކާފިއު އިއުލާން ކުރި ނަމަވެސް ތެލާއި، ކަރަންޓް އަދި ފެން އުފައްދާ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި، ސަރުކާރު މުވައްޒަފުން ވަޒީފާ އަށް ނިކުތުމަށް ހުރަހެއް ނެތެވެ. އަދި ކާބޯތަކެތި ވިއްކާ ފިހަރާތަކާއި، ބޭކަރީތަކާއި، ލެބޯޓްރީތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ވަޒީފާ އަށް ނިކުތުމުގައި ހުރަހެއް ނެތެވެ. މީގެ އިތުރުން މިސްކިތްތަކުގައި ބަންގި ގޮވުމަށް މުދިމުންނަށް މިސްކިތްތަކަށް ދިއުމުގައި ވެސް އެއްވެސް ހުރަހެއް ނޯންނާނެއެވެ.
ކާފިއު އިއުލާން ކުރުމާއި އެކު ސައުދީ އަރަބިއްޔާގެ މަގުތަކަށް ނެރެފައިވާ ސިފައިން، ވެހިކަލްތައް ހުއްޓުވައި މީހުންނާއި ސުވާލު ކުރާނެ ކަމަށް އިންޓީރިއާ މިނިސްޓްރީން ވިދާޅުވެއެވެ.
ސައުދީ އަރަބިއްޔާ އިން ކާފިއު އިއުލާން ކުރިއިރު އެގައުމުގައި ކޮވިޑް-19 އަންނަނީ ހަލުވިކަމާއި އެކު ފެތުރެމުންނެވެ. މިހާތަނަށް ސައުދީ އަރަބިއްޔާގެ 511 މީހުން ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ.