ޕާކިސްތާނުގައި ކޮވިޑް-19 އަށް ފައްސި ވެފައިވާ މީހުންނަށް އެންމެ ފަހު ވަގުތާ ޖެހެންދެން ފަރުވާ ދެމުން ދިޔަ ޑޮކްޓަރަކު މަރުވެއްޖެއެވެ.

"ދަ ނިއުސް" އިން ބުނެފައިވަނީ ޑރ. އުސާމާ ރިއާޒް އަކީ އީރާނުން އެގައުމަށް އަންނަ މީހުން ސްކްރީން ކުރުމަށް ހަމަޖައްސާފައިވާ 10 ޑޮކްޓަރުންގެ ޓީމުން އެކެއް ކަމަށެވެ. އޭގެ ފަހުން އޭނާ ސްކްރީން ކުރުން ހުއްޓާލައި ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ދޭން ފަށާފައިވާ ކަމަށް އެ ނޫހުން ވަނީ ބުނެފައެވެ.

ޑރ. ރިއާޒް އާއި އެކީ މަސައްކަތް ކުރި ޑޮކްޓަރުން ބުނެފައިވަނީ އޭނާ އަމިއްލަ ސިއްހަތައް ނުބަލައި ބަލި ޖެހިފައިވާ މީހުންނާއި ޝައްކު ކުރެވޭ މީހުންނަށް ފަރުވާ ދިނުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކަމަަށެވެ.

"ރިއާޒްގެ އަމިއްލަ ސިއްހަތައް ބެލުމެއްނެތި. ފަރުދީ ޒިންމާ އިސްކޮށްގެން ރެއާއި ދުވާލު ބަލި ޖެހިފައިވާ މީހުންނާއި ޝައްކު ކުރެވޭ މީހުންނަށް ފަރުވާ ދިނުމުގައި މަސައްކަތް ކުރޭ" ރިއާޒް އާއި އެކީ މަސައްކަތް ކުރި ޑޮކްޓަރަކު ކިޔައި ދިނެވެ.

ޑރ. ޝާހް ޒަމަން ބުނެފައިވަނީ އޭނާ އާއި ރިއާޒް ދިމާވެފައިވަނީ އެގައުމަށް އަންނަ މީހުން ސްކްރީން ކުރާ ތަނުން ކަމަށާއި އޭގެ ފަހުން ޑިއުޓީ ނިންމާފައި އޭނާ ގެއަށް ދިޔަ ކަމަށެވެ. އޭރު އޭނާ ހުރީ ރަނގަޅަށް ކަމާއި އެއްވެސް ކަހަލަ ބައްޔެއް ހުރި ކަމެއް ފާހަގަ ނުކުރެވޭ ކަމަށް ޒަމަން ބުންޏެވެ.

"އޭނާ ގެއަށް ދިޔަ އިރު ހަމަ ވާހަކަ ވެސް ދައްކާފައި ދިޔައީ. އޭގެ ޖެހިގެން އައި ދުވަހު އޭނާ ޑިއުޓީއަށް ފޮނުވަން އޭނާގެ އަންހެނުން ގޮވި އިރު ހޭނެތިފައި އޮތީ" ޑރ. ޒަމަން ބުންޏެވެ.

އޭގެ ފަހުން އޭނާ ވަނީ ގިލްގިތް ސިޓީގައި ހުންނަ ޕްރޮވެންޝިއަލް ހެޑްކުއާޓާޒް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ހެދި ޓެސްޓް ތަކުން އޭނާ ކޮވިޑް-19 އަށް ފައްސި ވެފައިވާ ކަން އެނގުނެވެ. އެ ހޮސްޕިޓަލުގައި އޭނާ އަށް ފަރުވާ ދެމުން ގޮސްފައިވަނީ ވެންޓިލޭޓަރުގައެވެ.

ގިލްގިތްގެ އޮފިޝަލުން ބުނެފައިވަނީ ފުރަތަމަ ޓެސްޓް ފައްސި ވުމުން ދެވަނަ ޓެސްޓެއްވެސް ހަދާފައިވާ ކަމަށެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އޭނާގެ ސިކުނޑި ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި އޭނާ އަށް ދެވެން އޮތް ހުރިހާ ފަރުވާއެއް ދިނުމަށް ހޮސްޕިޓަލުގެ ޑޮކްޓަރުން ތިބީ ތައްޔާރަށެވެ.

ޑރ. ރިއާޒް މަރުވެފައިވާ ކަން އެ ހޮސްޕިޓަލުގެ ޑޮކްޓަރުން އިއުލާނުކޮށްފައިވަނީ އާދިއްތަ ދުވަހުއެވެ. އެގަމުގެ ކަމާއި ބެހޭ އިދާރާތަކުގެ އިސްވެރިން ބުނެފައިވަނީ ރިއާޒް އަކީ އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ބަލި މީހާއަށް ފަރުވާ ދިނުމުގައި އުޅުނު މީހެއް ކަމަށާއި އޭނާ ކޮށްދީފައިވާ މަސައްކަތް ފޮހެވިގެން ނުދާނެ ކަމަށެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް އެގައުމުން ވަނީ 804 މީހަކު ރިޕޯޓް ކޮށްފައެވެ. މިހާތަނަށް އެގައުމުން މި ބަލި ޖެހިގެން 6 މީހަކު މަރުވެފައިވާއިރު 13 މީހަކަށް ވަނީ ފަރުވާދެވި ބަލިން ރަނގަޅު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހެދެ

    ކިތައް އަހަރުކަމެއް ވެސް ނޭގުން.. ބޮއިހަލާކު!

    10
  2. ހުސައިން

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
    ފާފަ ފުއްސަވައި شهيد އްގެ ދަރަޖަ ދެއްވާށި. ޢާއިލާ އަށް ކެތްތެރިކަން ދެއްވާށި އަދި ހުރިހާ ޑޮކްޓަރުންގެ މަސައްކަތުގައި ބަރަކާތް ލައްވާށި. އާމީން

    21