ދުނިޔޭގެ ގިނަ ގައުމުތަކަށް ފެތުރިފައިވާ ކޮވިޑް-19 ސައުދީ އަރަބިއްޔާއިންވެސް ފެނިފައިވާތީ އުމްރާގެ އަޅުކަން އަންނަ އޭޕްރިލް މަހުގެ މެދުތެރެއާއި ހަމައަށް ނުކުރެވޭނެ ކަން ހާމަކޮށްފިއެވެ.

ހަރަމައިން ޝަރިފައިން ބުބެފައި ވަނީމ އަންނަ މަހުގެ 14 ވަނަ ދުވަހާއި ހަމައަށް އުމްރާގެ އަޅުކަން އަދާ ކުރުން މެދުކަނޑާލާފައިވާ މކަމާށެވެ. އަދި ހާލަތު ހުރިގޮތުން އެ މުއްދަތު އިތުރުވެގެން ދާނެ ކަމަށް ބުނެފައި ވެއެވެ.

މިގޮތަށް ނިންމާފައިވަނީ ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނާތީ ބަލި އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ.

ކޮވިޑް-19 ފެތުރެމުންދާތީ ސައުދީން ވަނީ އެ ގައުމުގެ ރައްޔިތުންވެސް އުމްރާގެ އަޅުކަން އަދާ ކުރުން މަނާކޮށްފެވެ.

ދުނިޔޭގެ 192 ގައުމަކަށް ފެތުރިފައިވާ މި ވައިރަސްއަށް ސައުދީ އަރަބިޔާއިން ވަނީ 511 މީހަކު ފެނިފައެވެ. އެގައުމުން ބަލި ޖެހިގެން މީހަކު މަރުވެފައިނުވާއިރު 17 މީހަކަށް ވަނީ ފަރުވާ ދެވި ބަލިން ރަނގަޅު ވެފައެވެ.