ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން އިޓަލީ އަށާއި އީރާނަށް ވީހެން އިންޑިއާއަށް ވެދާނެ ކަމަށް އެގައުމުގެ މައިކްރޮބައިލޮޖިސްޓަކު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ މައިކްރޯބައިލޮޖިސްޓް ސޮސައިޓީ (އެމްއެސްއައި) ގެ ރައީސް އޭ.އެމް. ޑެޝްމުކް ވިދާޅުވީ، 4 މަސް ދުވަސް ތެރޭގައި ދުނިޔޭގެ 196 ގައުމަކަށް ފެތުރިފައިވާ މި ވައިރަސް އަކީ ނުރައްކާތެރި ވައިރަސް އެއް ކަމަށާއި ރައްކާތެރިވުމުގެ ގޮތުން މިހާރުން މިހާރަށް އިންޑިއާގައި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. ފިޔަވަޅު އެޅުން ލަސްވެއްޖެ ނަމަ އިޓަލީ އަށާއި އީރާނަށް ވީހެން އެގައުމަށްވެސް ވެގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވައިރަސް އިންޑިއާއިން މިހާރު ފެނިފައިވާ ކަމަށާއި މިހާރުން މިހާރަށް އެކަށީގެންވާ ފިޔަވަޅެއް ނާޅައިފިނަމަ ހޮސްޕިޓަލް ފުރި ސިއްހީ ދާއިރާއަށް ގޮންޖެހުން ތަކެއް ކުރިއަށްއޮތް އެއްމަސް ދުވަހުގެ ތެރޭގައި ދިމާވެދާނެ ކަމަށެވެ.

އިންޑިއާގައި މިހާރު ކާފިއު އިއުލާނު ކޮށްފައިވާއިރު އެމްއެސްއައި އިން ވަނީ އެގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަށް އެގައުމުގެ އިއުލާނު ކޮށްފައިވާ ކާފިއުގެ 2 ހަފްތާގެ މުއްދަތަކަށް އިތުރު ކުރުމަށް އެދިފައެވެ.

އިންޑިއާގެ 7 ސްޓޭޓެއްގައި ކޮވިޑް-19 ފެތުރިފައިވާއިރު އެގައުމުން މި ބަލި ޖެހިގެން މިހާތަނަށް 511 މީހަކު ވަނީ ރިޕޯޓް ކޮށްފައެވެ. އަދި 10 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ. އީރާނަށް ބަލާއިރު މީގެ 1 މަސް ކުރިން އެގައުމުން ފުރަތަމަ ފަހަރަށް އެ ބަލި ހުރި މީހަކު ފެނިފައިވާއިރު މިއަދާއި ހަމައަށް އެގައުމުން ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 23,049 އަށް އަރާފައެވެ. އަދި 1,812 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

އިޓަލީން ވެސް ކޮވިޑް-19 ފެނުނުތާ އެއްމަސް ވެފައިވާއިރު އެގައުމުން ބަލި ޖެހިގެން މިހާތަނަށް 6,077 މީހަކު މަރުވެފައިވާއިރު ބަލި ޖެހިގެން މިއަދާއި ހަމައަށް 63,927 މީހަކު ވަނީ ރިޕޯޓް ކޯށްފައެވެ. އިޓަލީ އަކީ ބަލި ފުރަތަމަ ފެނުނު ޗައިނާ ފިޔަވައި މިޙާތަނަށް އެންމެ ގިނަ މީހުން ފައްސިވެ މަރުވެފައިވާ ގައުމެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އިންޑިއާއިން ވަނީ ބައެއް ފިޔަވަޅުތައް ވެސް އަޅާފައެވެ. އެގޮތުން އެ ބަލި ފެނިފައިވާ 6 ސްޓޭޓެއްވެސް ވަނީ ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. އަދި ބައިނަލް އަގްވާމީ ފްލައިޓް ތަކުގެ ދަތުރު މެދުކަނޑައި ބިހާރް ސްޓޭޓްގެ 4,500 ފައްޅި ވަނީ ބަންދު ކޮށްފައެވެ.