ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އިންޑިއާގެ އެތެރޭގެ އުދުހުންތައް ވަގުތީގޮތުން ހުއްޓާލަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރަމުން އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީ އިން ބުނެފައި ވަނީ އެތެރޭގެ އުދުހުންތައް މި މަހުގެ 25ގެ ފަހުން ނުކުރެވޭނެ ކަމަށާއި އެއާލައިންތަކުން ކުރާ އެންމެ ފަހު ދަތުރު މާދަމާ ރޭ 23:59ގެ ކުރިން ނިންމާލެވޭނެ ފަދަ ގޮތަކަށް ޝެޑިއުލް ކުރަން ޖެހޭނެ ކަމަށެވެ.

މިހާރު އިންޑިއާ އަށް ދަތުރު ކުރާ ގިނަ ކޮމާޝަލް އިންޓަނޭޝަނަލް ފްލައިޓުތައްވެސް ދަތުރުކުރުން ވަގުތީގޮތުން ހުއްޓާލާފައި ވާއިރު މި ނިންމުން އުވާލާނެ ވަކި ތާރީޙެއް އިންޑިއާގެ ސިވިލް އޭވިއޭޝަނުން ހާމަ ކޮށްފައެއް ނުވެއެވެ.

މިގޮތަށް ނިންމި ނަމަވެސް، އިންޑިއާގެ އެތެރޭގައި ދަތުރު ކުރާ ކާގޯ ފްލައިޓުތަކަށް ކުރިއެކޭވެސް އެއްފަދައިން އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނެއެވެ. މިހާރު އެ ގައުމުގެ އެންމެ ގިނަ ބަޔަކު ދަތުރުފަތުރަށް ބޭނުން ކުރާ ރޭލާއި ބަހުގެ ހިދުމަތްވެސް ގިނަ ސަރަހައްދުތަކުން ވަނީ ހުއްޓާލާފައެވެ.

މީގެ އިތުރުން އިންޑިއާގެ އެންމެ ބޮޑެތި ސިޓީތަކުގައި ކާފިއުވެސް ވަނީ އިއުލާން ކޮށްފައެވެ. މިހައިތަނަށް އެ ގައުމުން 415 މީހުން ވައިރަހަށް ފައްސި (ޕޮސިޓިވް) ވެފައިވާއިރު، 7 މީހަކު ވަނީ މަރުވެފައެވެ.

ކޮންމެ ދުވަހެއްގައިވެސް ދުނިޔޭގެ އެކި ހިސާބުތަކުން ވައިރަހަށް ފައްސިވެ، މަރުވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަނބޯރަނި

    އެންމެމުހިއްމީ ޗެއިންބުރޭކު ކޮށްލުމަށް ވައިގެބަނދަރު ބަންދު ކުރުން އެހެންނޫނީ ތިޔަޗޭނުގެ ފައިދާކުރާނެ ގޮތެއް ތިޔަބޭފުޅާ މަޖިލިސްގެ ރައީސްކުރެން އަހާލަބަލަ.

  2. ތަރިކަ

    މިހާރު މަޖުލިސުގެ އިއްޒަތްތެރި ރައީސުގެ އަޑެއް ނީވޭ އަނެއްކާކީއްބާވީ މޯދީ އާއި ލޮލާލޯ ދިމާކުރަނީބާ