ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން 602 މީހުން މިއަދު ވެސް މަރުވެއްޖެއެވެ.

އިޓަލީވިލާތުގެ ސަރުކާރުން ދެންމެ އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު އެގައުމުން މަރުވި މީހުންގެ ތެރެއިން 320 މީހުން މަރުވީ މީގެ ކުރިން ވެސް އެންމެ ގިނަ މީހުން މަރުވެފައިވާ ލޮމްބާޑީ ސަރަހައްދުންނެވެ.

އިޓަލީވިލާތުން މަރުވި މީހުންގެ ޖުމްލަ މިހާރު 6078 އަށް ވަނީ އަރާފައެވެ.

މިއަދު އެގައުމުން އިތުރު 4790 މީހުން ފައްސި (ޕޮޒިޓިވް) ވިއެވެ. އެހެންކަމުން މިހާތަނަށް އެގައުމުން ފައްސިވި މީހުންގެ އަދަދު ވަނީ 63928 އަށް އަރާފައެވެ. ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 3204 މީހުންނަށް ފަރުވާ ދެމުން ގެންދަނީ އައިސީޔޫގައެވެ. މިހާތަނަށް އިޓަލީވިލާތުން ރަނގަޅުވެފައި ވަނީ 7432 މީހުންނެވެ.

މިއަދު މިހާތަނަށް 39 ގައުމަކުން 1460 މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. މިއަދު މިހާތަނަށް 120 ގައުމަކުން 29427 މީހުން ވަނީ ފައްސިވެފައެވެ. މިއަދު މިހާތަނަށް މަރުވި މީހުންނާއި އެކު ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ ވަނީ 16098 އަށް އަރާފައެވެ.

އިޓަލީވިލާތުން ކޮވިޑް-19 ޖެހިގެން މިއަދު 602 މީހުން މަރުވެފައި ވާއިރު ހޮނިހިރު ދުވަހު އެގައުމުން 793 މީހުން މަރުވި ފަހުން މިއީ ޖެހިޖެހިގެން އަދަދު މަދުވި ދެވަނަ ދުވަހެވެ. އިއްޔެ މަރުވީ 651 މީހުންނެވެ.

ބަލި ޖެހުނު މީހުންގެ އަދަދު ވެސް ފާއިތުވި ދެދުވަހު ވަނީ ކޮންމެވެސް ވަރަކަށް މަދުވެފައެވެ. ހޮނިހިރު ދުވަހު 6557 މީހުން ފައްސިވި ނަމަވެސް އާދީއްތަ ދުވަހު ފައްސިވީ 5560 މީހުންނެވެ. އަދި މިއަދު ފައްސިވީ 4790 މީހުންނެވެ.

ނަމަވެސް އިޓަލީވިލާތުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިއީ އަދި ހިތްހަމަޖައްސާލެވޭ ވަރުގެ އަދަދުތަކެއް ނޫނެވެ. އަދިވެސް ކޮވިޑް-19 ގެ ނުރައްކާ އިޓަލީވިލާތައް ވަރަށް ބޮޑު ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު