ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އިނގިރޭސިވިލާތް ފުރަބަންދު (ލޮކްޑައުން) ކޮށްފިއެވެ.

އެގައުމު ފުރަބަންދު ކޮށްފައިވަނީ ކުރިޔަށް އޮތް ތިން ހަފްތާއަށެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ، ފުރަބަންދުގެ މުއްދަތުގައި ކޮންމެހެން ނިކުންނަށް ޖެހިގެން ނޫން ގޮތަކަށް ގެއިން ބޭރަން ނިކުންނަ ނަމަ، އެކަމަށް ފިޔަވަޅު އަޅާ، އެމީހަކު ޖޫރިމަނާ ކުރާނެ ކަމަށެވެ.

ކާބޯތަކެތި ވިއްކާ ފިހާރަތަކާއި، ބޭސްފިހާރަތައް ފިޔަވައި އެހެން ހުރިހާ ވިޔަފާރިއެއް ބަންދުކުރަން ވެސް ބޮޑުވަޒީރު ޖޯންސަން ވަނީ އަމުރު ކުރައްވާފައެވެ.

ވިޔަފާރިތައް ބަންދު ކުރަން އަމުރު ކޮށްފައި ވަނީ ތިން ހަފްތާގެ މުއްދަތަކަށެވެ. ނަމަވެސް މި މުއްދަތު އަދި އިތުރު ވުން ވެސް އެކަށީގެންވާ ކަމަށް ޖޯންސަން ވިދާޅުވިއެވެ.

ފުރަބަންދު ކޮށްފައި އޮތް ނަމަވެސް ކޮންމެހެން ކޮންމެހެން ގަންނަން ބޭނުންވާ ކާބޯތަކެތި ގަތުމަށާއި، ކޮންމެ ދުވަހަކު އެއް ފަހަރު ކަސްރަތު ކުރުމަށާއި، ބޭސްފަރުވާއަށް ކޮންމެހެން ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ނިކުތުމަށާއި އަދި ވަޒީފާ އަށް ދިއުމަށް ނުވަތަ ވަޒީފާ އިން އެނބުރި ގެއަށް ދިއުމަށް މަގުމައްޗަށް ނިކުތުމުގެ ހުއްދަ އެބައޮތެވެ.

ފުރަބަންދު ކުރަން ނެރެފައިވާ އަމުރާއި ހިލާފުވާ މީހުން 30 ޕައުންޑާއި 1000 ޕައުންޑާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރަން ވަނީ ނިންމާފައެވެ.

ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ޖޯންސަން ވިދާޅުވީ މިހާރު ދިމާވެފައި މިވަނީ ކުއްލި ހާލަތެއް ކަމަށާއި، އެހެންކަމުން ހާއްސަ ފިޔަވަޅުތަކެއް އެޅުން މަޖުބޫރު ވެފައިވާ ކަމަށެވެ.

"ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ނޫން ގޮތަކަށް ވައިރަސް ފެތުރުން ނުހުއްޓުވޭނެ. ދުނިޔޭގެ އެއްވެސް ގައުމަކަށް މިކަމާއި ކުރިމަތިލުމަށް އެންމެ އެކަށީގެންވާ ވަސީލަތްތަކެއް ނެތް. އެކަށީގެންވާ އަދަދަކަށް ވެންޓިލޭޓަރެއް ނެތް، އެކަށީގެންވާ އަދަދަކަށް އައިސީޔޫގައި އެނދެއް ނެތް. އެކަށީގެންވާ އަދަދަކަށް ޑޮކްޓަރުންނާއި ނަރުހުންނެއް ނެތް." ޖޯންސަން ވިދާޅުވިއެވެ.

ޖޯންސަން ވިދާޅުވީ ވަރަށް ފުރިހަމަ ސިއްހީ ނިޒާމްތައް ހުރި ގައުމުތަކުގައި ވެސް ކޮވިޑް-19 ކޮންޓްރޯލް ކުރުން ބުރަ މަސައްކަތަކަށް ވެފައިވާ ކަމަށާއި އެހެންކަމުން އެކަންކަމުން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށެވެ.

"މިހާރު އިހުމާލު ވެވިއްޖެނަމަ އެތައް ބަޔަކު މަރުވެގެން ހިނގައިދާނެ. އެތައް ބަޔަކަށް ފަރުވާ ދޭން ދަތިވެދާނެ. އެހާލަތުގައި ހަމައެކަނި މަރުވެގެން ދާނީ ކޮރޯނާވައިރަސްގެ ބަލި މީހުނެއް ނޫން. އެހެން ބަލިތަކުގެ އެތައް ބަޔަކު ވެސް މަރުވެގެން ދާނެ." ޖޯންސަން ވިދާޅުވިއެވެ.

އިނގިރޭސިވިލާތް ފުރަބަންދު ކުރަން ބޮޑުވަޒީރު ޖޯންސަން މިނިންމެވީ އެގައުމު ފުރަބަންދު ކުރަން އެތައް ބަޔަކު ގޮވާލަމުން އަންނަތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ދޮންމީހުން ނަށްވެސް ބަލި ޖެހޭތަ ބުއްޅަ ގާތުގައި އަހާބަލަ

    13
    4
  2. ކާފަބޭ2020

    ގޮންޖަހާފަބުނީ ދުނިޔެއެއްނުހުއްޓުވޭނޭ ދިވެހި ރާއްޖެ ނުހުއްޓޭނޭ ވިސްނާބަލަ އަހަ ރުމެންގެއޮތީކޮންބާ ރެއް ދުނިޔޭގަކު ރިއަ ރާފަހު ރިގައުމުތައް އެދަނީބަންދުކޮށް އަމިއްއަށްގޭގައިބަންދުވަމުން ކޮބާދެއްކުނުބާ ރެއް! ﷲއީ އެންމެބާ ރުވެ ރި އެންމެއޯގާވަންތަﷲ އެކަލާނގެއަށްދުޢާކޮށް މިމުސީބާތުންނަޖާކު ރެއްވުން އެދިދަންނަވާ! އަދި ސަބަބުތަކުގައިހިއްޕަވާ!

    7
    1