ކޮވިޑް-19 ޖެހިގެން ދުނިޔެއިން އެންމެ ގިނަ މީހުން މަރުވާ އެއް ގައުމު ކަމަށް އީރާނުން މި ވައިރަސް ޖެހިގެން އިތުރު 122 މީހަކު މަރުވެއްޖެއެވެ.

މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1934 އަށް އަރާފައެވެ.

އެ ގައުމުން އިތުރު 1762 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެ ގައުމުން މި ވައިރަސްއަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 24811 އަށް އަރާފައެވެ.

އަދި މި ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު 8376 އަށް ވަނީ އަރާފައެވެ.

އީރާނުން މިއަދު 122 މީހުން މަރުވެފައިވާއިރު، މިއީ މިދިޔަ ދެ ދުވަހާއި އަޅާބަލާއިރު، ކުޑަކުޑަ ދަށްވުމެކެވެ. އެގޮތުން މިދިޔަ އާދީއްތަ ދުވަހު އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ 129 މީހުންނެވެ. އިއްުޔެ މަރުވެފައި ވަނީ 127 މީހުންނެވެ.

އެ ގައުމަކީ ކޮވިޑް-19 ޖެހިގެން، އެ ގައުމުގެ އިސް ވެރިންތަކެއް މަރުވި ގައުމުވެސް މެއެވެ.